މާރާމާރީ ހިންގުން

އައްޑޫގައި ދެވަނަ މާރާމާރީއެއް، ދެ މީހަކު ޒަހަމުކޮށްލައިފި

އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގާ ދެ މީހަކު ޒަހަމުކޮށްލައިފި އެވެ. މިއީ އެ ސިޓީގައި މިއަދު ހިންގި ދެވަނަ މާރާމާރީއެވެ.

ފުލުހުން ދެންމެ ބުނީ އައްޑޫގައި ދުއްވާފައިދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:05 ގައި ކަަމަށްވެސް ބުންޏެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ. ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި މިއަދު ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައެވެ. އަނިޔާވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ހަމަލާ ދިނުމާއި ގުޅިގެން އެ މީހާގެ ގައިން ވަރަށް ގިނަ އަދަދަކަށް ލޭ އައިސްފައިވެއެވެ. ހަމަލާ ދިން ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އާންމުވެފައިވާ ފޮޓޯތަކުން އެހެން މީހަކަށްވެސް އަނިޔާވެ ވެއްޓިފައި އޮތް މަންޒަރު ފެނެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެއީ ހަމަލާ ހުއްޓުވަން މަސައްކަތް ކުރި މީހެއް ކަމަށެވެ. އޭނާއަށްވެސް ވަނީ އަނިޔާވެފައެވެ.