ސ. ފޭދޫގައި މީހަކު މަރާލުމުގެ ތުހުމަތުގައި އިތުރު ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ފޭދޫގެ 21 އަހަރުގެ ޒުވާނާ މަރުވީ މިމަހުގެ ދެވަނަ ދުވަހު އެވެ. މަރުވެފައިވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މަރުގެ މައްސަލައިގެ ތުހުމަތުގައި 15 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
މި މައްސަލާގައި ރޭ ވެސް ކުއްޖަކު ހައްޔަރު ކުރިއެވެ. އެއީ 16 އަހަރުގެ ކުއްޖެކެވެ. ފުލުހުން ބުނީ އެ ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އެ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަމާންކަން ނަގާލަން އުޅުނު ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. މީގެއިތުރުން ކޯޓު އަމުރެއްގެ ދަށުން 29 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
އެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.
ފޭދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީ ހިންގާ 19 އަހަރުގެ ޒުވާނެއް ޒަހަމްކޮށްލާފަ އެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ މާލޭގަ އެވެ.