ސަލްމާން ޚާންގެ އަންހެން ކޮއްކޮ އަލްވިރާ ޚާނާއި އެކްޓަރު އަތުލް އަގްނިހޯތުރީގެ އަންހެން ދަރިފުޅު އަލީޒޭ އަގްނިހޯތުރީ މިހާރު ތައްޔާރުވަމުން ދަނީ ބޮލީވުޑަށް ނުކުތުމަށެވެ. ފިލްމީ ދުނިޔެއަށް ތައާރަފުވުމުގެ ގޮތުން އަލީޒޭ އެޅި ފުރަތަމަ ފިޔަވަޅަކީ އިޝްތިހާރެއް ކުޅުމެވެ.
ޖުވެލަރީ ބްރޭންޑަކަށް އަލީޒޭ ކުޅެފައިވާ މި އިޝްތިހާރު ދައްކަން ފެށުމާއެކު ސަލްމާން ވަނީ އަލީޒޭއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ސޯޝަލް މީޑީއާގައި މެސެޖެއް ޝެއާ ކޮށްފަ އެވެ. އަދި އިޝްތިހާރު ބެލި ވަރަށް ގިނަ މީހުން ބުނެފައި ވަނީ މި އިޝްތިހާރުގައި އަލިޒޭ ވެސް އަލިމަހެއް ފަދައިން ވިދާ ކަމަށެވެ.
އިންސްޓަގްރާމްގައި ސަލްމާން ޝެއާކުރި ކުރު ވީޑިއޯ މެސެޖެއްގައި އަލީޒޭގެ އިޝްތިހާރު ޝެއާ ކޮށްފައި ވެއެވެ. އަދި އިޝްތިހާރުގައި އަލީޒޭ ފެންނަލެއް ރީތި ކަމުން ސަލްމާން ވަނީ އޭނާއަށް ތައުރީފުކޮށް ހެޔޮ އެދުންތައް ވެސް ފޮނުވާފަ އެވެ.
މި ޖުވެލަރީ ބްރޭންޑްގެ އޮރިޖިނަލް ޕޯސްޓުގައި އަލީޒޭ ވަނީ ގަހަނާ އާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް ބުނެފަ އެވެ. އަދި ކަންފަތް ނުތޮރުފާ ވަރަށް ގިނަ ދުވަހު ހުރި ސަބަބު ވެސް އަލީޒޭ ކިޔައި ދިނެވެ.
މި އިޝްތިހާރުން ވަރަށް މުހިއްމު އެއްކަމެއް ބެލުންތެރިން ފާހަގަ ކުރި އެވެ. އަލީޒޭގެ ކިބައިގައި ބަތަލާއަކަށް ވުމަށް ބޭނުންވާ ރީތި ސިފަ އާއި ހުނަރު ހުރި ކަމެވެ.
އަލީޒޭ ތައާރަފްވާ ފިލްމު އަދި އިއުލާނެއް ނުކުރެ އެވެ. އިންޑިއާގެ ނޫސްތަކުން ތަންކޮޅެއް ކުރިން ރިޕޯޓު ކޮށްފައި ވަނީ އަލީޒެގެ ފުރަތަމަ ފިލްމު ޕްރޮޑިއުސްކުރަނީ ސަލްމާން ކަމަށެވެ. އަދި ޑައިރެކްޓްކުރަނި އަލީޒޭގެ ބައްޕަ އަތުލް ކަމަށެވެ.