ބޮލީވުޑް

އާމިރު ހާންގެ ބާލީސް ލޯބި!

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް އެކްޓަރު އާމިރު ހާން ދުރު ދަތުރުތަކަށް ފުރަން ދާއިރު އޭނާގެ އަތުގައި އަބަދުވެސް ބޮޑު ބާލީހެއް އޮވެ އެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ބާންޑްރާ އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކުން ވެސް އެންމެ ފާހަގަ ކޮށްލެވުނީ ހަމަ މި ބާލީހެވެ.

އާމިރު ފުރަން ގޮސް ހުރީ އޭނާ މިހާރު ކުޅެމުންދާ "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތަކަށް ކޮންމެވެސް ލޮކޭޝަނަކަށް ދިއުމަށް ކަމަށް ބެލެވެ އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން ހުކުރު ދުވަހު އިއުލާންކުރި ގޮތުގައި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ވަނީ ނިމިފަ އެވެ.

މަޑު ނޫކުލައިގެ ޓީޝާޓަކާއި ކަޅު ފަޓުލޫނެއް ލައިގެން ހުރި އާމިރުގެ ލޮލުގައި އޭނާ އަބަދުވެސް އަޅާ އައިނު ވެސް އަޅާފައި ހުއްޓެވެ. ދެން އޮތީ ބޮޑު ބާލީހެވެ.

ބާލީހާއި އާމިރާ އޮތް ގުޅުން އެތައް ޒަމާނަކުއްސުރެ ގިނަ ބަޔަކަށް ވަނީ ފާހަގަ ވެފަ އެވެ. ފްލައިޓަކަށް އަރާނަމަ މި ބާލީސް ކޮންމެހެން ވެސް އޭނާގެ އަތުގައި އޮންނަން ޖެހެ އެވެ.

ދާދިފަހުން އާމިރު ވަނީ ކަރީނާ ކަޕޫރާއެކު "ލާލް ސިންގް ޗައްޑާ" ގެ ބައެއް މަންޒަރުތައް އިންޑިއާގައި ވެސް ޝޫޓް ކޮށްފަ އެވެ. މި ފިލްމުގެ ޝޫޓިންގްގެ ފޮޓޯތަކެއް ވައިރަލް ވެފައިވާއިރު އާމިރު ހާން ހެދުން އަޅާފައި ހުރި ގޮތުން ވަރަށް ގިނަ މީހުން އޭނާއަށް މަލާމާތް ކޮށްފައި ވެއެވެ.