ފައިސަލް ނަސީމް

"އެންމެ ބޮޑަށް ހޭދަ ކުރަނީ މީހުން ބިނާ ކުރަން"

ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ އެއްދާއިރާއަކީ ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. ނައިބު ރައީސް ވިދާޅުވީ ރައީސް އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުން ބިނާކުރުންކަމަށެވެ. އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ ހުނަރު އިތުރުކޮށް ކަންކަން ކުރެވޭނެ ބަޔަކަށް ދިވެހިން ހެދުމަށް ކުރައްވާ މަސައްކަތަކީ ރައީސް ގެންގުޅުއްވާ އެންމެ މުހިންމު އެއްކަންތައް ކަމުގައި ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ އެއްދާއިރާ އަކީ ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާ ކަމަށާއި އެމްޕީއެމް އިންވެސް އެކަމަށް މަސައްކަތްތަކެއް ކޮށްދެއްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން އެކުންފުނީގެ ފަރާތުން ސްކޮލާޝިޕްގެ ފުރުސަތު މުވައްޒަފުންނަށް ފޯރުކޮށްދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ކޮވިޑްގައި އެމްޕީއެލްގެ ފަރާތުން ކުރެއްވި މަސައްކަތް ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ތަކެއްޗެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަ

" ހިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އެންމެން އެއްބައިވެގެން ގައުމަށްޓަކައި މަސައްކަތްކުރުމަށް މުހިންމު އަދި އެންމެން އެއްކޮށް އެއްސަފެއްގައި ތިބެގެން މަސައްކަތްކޮށްފިކަމުގައިވާނަމަ ކާމިޔާބުނުވާނެކަމެއް މާތްﷲ ގެ އިރާދަފުޅާއެކު ނޯންނާނެ." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ އެމްޕީއެލްއަށް އަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރުމަށް ފަހު ރިޓަޔާކުރި ފަރާތްތަކަށް ޝަރަފުގެ އައްޑަނަ ހަވާލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެމްޕީއެލްގެ ސްކޮލާޝިޕަށް ހޮވިފައިވާ މުވައްޒަފުންނަށް ސްކޮލާޝިޕް އެވޯޑް ހަވާލުކުރައްވާފައެވެ.