ނައިބް ރައީސް ފައިސަލް ނަސީމު މާލޭ ވިޔަފާރި ބަނދަރަށް މިއަދު ޒިޔާރަތްކުރައްވާ މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވައިފި އެވެ.
ނައިބް ރައީސްގެ އަރިހުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވެސް މާލޭގެ ވިޔަފާރި ބަނދަރަށް ވަޑައިގެންނެވި އެވެ.
ނައިބް ރައީސް ބަނދަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ. ނައިބް ރައީސްގެ މިޒިޔާރަތާ ގުޅިގެން އެމްޕީއެލްގެ އިސްވެރިން ވަނީ ރޯދަ މަހު ބަނދަރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިންތިޒާމު ކޮށްފައިވާ ގޮތުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.
ރޯދަ އާއި ދިމާކޮށް އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން މީގެ ކުރިން އެމްޕީއެލް އިން ބުނި ގޮތުގައި ރޯދަ މަހާ ދިމާކޮށް އެ ކުންފުނީގެ ގިނަ އުޅަނދުތަކެއް ވެސް ވަނީ މަރާމާތުކޮށްފަ އެވެ. އެކަމުގެ ސަބަބުން މުދާ ހުސްކުރުން އަވަސް ކުރެވޭނެ ކަމުގައި ވެސް ބުނެފައިވެ އެވެ.