މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަށްފަހު އެންގުމަށް ރައީސް އޮފީހުން އެމްޕީއެލް އަށް އަންގައިފި އެވެ.
ރައީސް އޮފީހުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އަށް އެޑްރެސް ކުރައްވާ މިމަހުގެ 17 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ ބުނެފައިވަނީ އެމްޕީއެލް އަށް ދެ ބަނދަރުން ލިބޭ އާމްދަނީ، މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތަކަށް ދެ ބަނދަރުގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޗެއާ ކުރައްވާ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެމްޕީއެލް އިން ގޮތްތަކެއް ހުށަހަޅަން ވާނީ މާލެ ސިޓީ ކައުންސލާ މަޝްވަރާ ކުރުމަށްފަހު އެމްޕީއެލް އާއި ސިޓީ ކައުންސިލަށް އެއްބަސްވެވޭ ގޮތްތަކެއް ކަމުގައިވެސް ސިޓީގައި ބުނެފައިވެ އެވެ. އަވަސް އަށް ކޮޕީ ލިބިފައިވާ މިސިޓީ ރައީސް އޮފީހުން ކޮޕީ ކޮށްފައިވަނީ ހަމައެކަނި ޕްލޭނިން މިނިސްޓްރީ އަށެވެ.
ރައީސް އޮފީހުގެ މި ސިޓީއާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ނޯތު ހާބަރަކީ ވެސް އަދި ޓީޖެޓީ ބަނދަރަކީ ވެސް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ދެ ބަނދަރު ކަމަށެވެ. އެހެންކަމުން އެ ދެ ތަނުން ލިބޭ އާމްދަނީ މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން މިކަމުގައި [ދެ ބަނދަރުން އާމްދަނީ ހޯދުމަށް] މިކުރާ މަސައްކަތް އަޅުގަނޑުމެން [މިއަހަރުގެ] ބަޖެޓު ހެދިއިރު ވެސް އުނިކުރާނީތޯ ނޫންތޯ ވެސް މަޝްވަރާކޮށްފައި ހަމަ ބަޖެޓުގައި ހިމަނަން ނިންމި ނިންމުން އެއީ ހަމަ ރަނގަޅު ނިންމުމެއް ކަން މީގެއިން [ރައީސް އޮފީހުގެ ސިޓީން] ދޭހަވޭ. އަޅުގަނޑުމެންނަށް މިއަހަރުގެ އާމްދަނީ އަށް މި ދެ ބަނދަރުން އާމްދަނީ އެއް ހޯދުމަކީ ހަަމަ އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުން،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެމްޕީއެލް އަށް ދެ ބަނދަރުން ލިބޭ އާމްދަނީ، މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރައީސް އޮފީހުން އެމްޕީއެލް އަށް އެންގީ މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ އާމްދަނީއެއް ހޯދުމަށް މާލޭގެ ހުރިހާ ކައުންސިލަރުން ގުޅިގެން ކުރި މަަސައްކަތުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް އޮފީހުގެ ސިޓީއާ ގުޅިގެން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު އަވަސް އަށް ވިދާޅުވީ ރައީސް އޮފީހުގެ ސިޓީ ލިބިފައިވާތީ ދެ ބަނދަރުން ލިބޭ އާމްދަނީ، މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް މަޝްވަރާކުރުމަށްޓަކައި ސިޓީ ކައުންސިލަށް މިހާރު ހުށަހަޅުއްވާފައިވާނެ ކަމަށެވެ. ކުންފުންޏަށް ލިބޭ އާމްދަނީއެއް ސިޓީ ކައުންސިލާ ހިއްސާކުރުމާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ ރައީސް އޮފީހުން ވަކި ގޮތެއް އެންގުމުން އެ ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަކަށް އެކަމެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވިޔަފާރި ކުންފުންޏަކަށް ވާތީ މި ކުންފުނީގެ އޮޕަޜޭޝަނަށް ބުރޫ ނާރާ ގޮތަށް ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ހޯދޭ ގޮތްތަކެއް އަޅުގަނޑުމެން ރައީސް އޮފީހާ ހިއްސާކުރާނަން. ނަމަވެސް އެ މައުލޫމާތު ރައީސް އޮފީހާ ހިއްސާކުރެވޭނެ ވަކި ދުވަހެއް މިވަގުތު ދަންނަވަން ދަތި،" ޝާހިދު ވިދާޅުވި އެވެ.
މާލޭގެ ނޯތު ހާބަރާއި ޓީޖެޓީން އެމްޕީއެލް އަށް އެވްރެޖުކޮށް ލިބޭ އާމްދަނީގެ ތަފްސީލްތައް ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ދެ ބަނދަރުން ލިބޭ އާމްދަނީ ހިއްސާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށް ހުށަހަޅުއްވާފައިވާނެ ކަމަށް ޝާހިދު ވިދާޅުވި ނަމަވެސް މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ އެފަދަ ދައުވަތެއް އަދި ލިބިފައި ނުވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ވަރަށް އަވަހަށް ވެސް އެ މަޝްވަރާތައް ފެށުމަށް ސިޓީ ކައުންސިލުން އޮތީ ތައްޔާރަށް ކަމަށެވެ.
އެމްޕީއެލް އަށް ދެ ބަނދަރުން ލިބޭ އާމްދަނީ، މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރައީސް އޮފީހުން އެމްޕީއެލް އަށް އެންގިއިރު ޓީޖެޓީ މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ސިޓީ ކައުންސިލުން މިހާރު ވަނީ ޓީޖެޓީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ބަޖެޓް މިއަހަރު އެކުލަވާލިއިރު ކައުންސިލްގެ ބަޖެޓުގައި "ބަނދަރު ކުލި"ގެ ގޮތުގައި މިއަހަރަށް ލިބޭނެ ކަމަށް ޖަހާފައި އޮތް 56 މިލިއަން ރުފިޔާ އުނިކުރުމަށްފަހު މާލެ ސިޓީ ކައުންސިލުން މިއަހަރުގެ ބަޖެޓް ފާސްކުރީ "މާލޭގެ މެދު ޖެޓީ ޚިދުމަތުގެ" ކޯޑުގައި 44 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފަ އެވެ.