މާލޭ ސިޓީ ކައުންސިލް

ދެ ބަނދަރުގެ އާމްދަނީ ހިއްސާ ކުރަން އެއްބަސްވެއްޖެ

މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީ ހިއްސާ ކުރުމަށް ނުވަތަ ރެވެނިއު ޝެއަރިން މޮޑެލަކަށް ދިއުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މާލެ ސިޓީ ކައުންސިލުން އެއްބަސްވެއްޖެ އެެވެ.

އެމްޕީއެލް އާއި ސިޓީ ކައުންސިލް އެއްބަސްވުމަކަށް އައިސްފައި މިވަނީ އެމްޕީއެލް އިން މިހާރު ހިންގަމުން ގެންދާ މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު އެންގުމަށް ރައީސް އޮފީހުން އެމްޕީއެލް އަށް އެންގުމާ ގުޅިގެން ދެ ފަރާތުން މަޝްވަރާކުރުމަށްފަހު އެވެ.

ރައީސް އޮފީހުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އަށް އެޑްރެސް ކުރައްވާ މިމަހުގެ 17 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ ބުނެފައިވަނީ އެމްޕީއެލް އަށް ދެ ބަނދަރުން ލިބޭ އާމްދަނީ، މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތަކަށް ދެ ބަނދަރުގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޗެއާ ކުރައްވާ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެމްޕީއެލް އިން ގޮތްތަކެއް ހުށަހަޅަން ވާނީ މާލެ ސިޓީ ކައުންސލާ މަޝްވަރާ ކުރުމަށްފަހު އެމްޕީއެލް އާއި ސިޓީ ކައުންސިލަށް އެއްބަސްވެވޭ ގޮތްތަކެއް ކަމުގައިވެސް ސިޓީގައި ބުނެފައިވެ އެވެ. އަވަސް އަށް ކޮޕީ ލިބިފައިވާ މިސިޓީ ރައީސް އޮފީހުން ކޮޕީ ކޮށްފައިވަނީ ހަމައެކަނި ޕްލޭނިން މިނިސްޓްރީ އަށެވެ.

ރައީސް އޮފީހުގެ ސިޓީއާއި ގުޅިގެން އެމްޕީއެލް އާއި މާލެ ސިޓީ ކައުންސިލްގެ އިސްވެރިންގެ މެދުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަޝްވަރާތައް ފަށާފަ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ދެ ބަނދަރުން ލިބެމުންދާ އާމްދަނީ ސިޓީ ކައުންސިލާ ހިއްސާކުރުމަށް އެމްޕީއެލްއާއި މާލެ ސިޓީ ކައުންސިލް އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ކުރިއަށް ދަނީ އެއްބަސްވެވޭ އަދަދުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފައިނަލްކޮށްލުން ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޕީއެލް އިން މިހާރު އެބައޮތް އަދަދުތަކެއް ވެސް ލިޔުމުން ފޮނުވާފައި. އަޅުގަނޑުމެންގެ ކަމާ ގުޅޭ ޓީމަކުން މިއަދު ވެސް އެ އަދަދުތަކަށް މަޝްވަރާކުރި. އެކަމަކު އަދަދުތަކާ މެދު އަދި ވަކި ގޮތެއް ނުނިމޭ،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާތަކުގެ ރޫހު ހުރީ ވަރަށް ރަނގަޅަށް ކަމަށްވާތީ މާގިނަ ދުވަަސްތަކެއް ނުވެ ދެ ބަނދަރު މައްސަލަ ހައްލުކުރެވި އެތަންތަނުން ލިބޭ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް ލިބެން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރު ކުއްލި އަކަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް އެތަން ހިންގަން އުޅުމުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވެދާނެތީ މިވަގުތަށް އެންމެ ރަނގަޅު ހައްލަކަށް ވާނީ ދެ ބަނދަރުން ލިބޭ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ކުރިއަށް ދިއުން ކަމަށްވެސް ވިދާޅުވި އެވެ.

އެމްޕީއެލް އަށް ދެ ބަނދަރުން ލިބޭ އާމްދަނީ، މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރައީސް އޮފީހުން އެމްޕީއެލް އަށް އެންގިއިރު ޓީޖެޓީ، މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ޓީޖެޓީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ޓީޖެޓީގެ އިހްތިސޯސް އޮތީ ސިޓީ ކައުންސިލަށް ކަމަށް ކަނޑައެޅުމަށެވެ. ސިޓީ ކައުންސިލުން ބުނާ ގޮތުގައި މާލޭގޭ ނޯތު ހާބަރަކީ ވެސް ސިޓީ ކައުންސިލްގެ އިހްތިސޯސްގައި އޮތް ތަނެކެވެ. ނަމަވެސް އެ ބަނދަރުގެ މައްސަލަ އަދި ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ.

އެމްޕީއެލްއާއި ސިޓީ ކައުންސިލާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ގުޅިގެން ކޯޓުގައި އޮތް ޓީޖެޓީގެ މައްސަލަ ނެގުމަށް ދެ ފަރާތުން މަޝްވަރާކުރިތޯ ސުވާލުކުރުމުން ނަރީޝް ވިދާޅުވީ އެ މައްސަލަ ނެގުމަށް އެމްޕީއެލް އިން ވެސް އަދި ރައީސް އޮފީހުން ވެސް އެދިފައި ނުވާތީ އެ މައްސަލަ ކޯޓުގައި ކުރިއަށްދާނެ ކަމަށެވެ.

މާލޭގެ ނޯތު ހާބަރާއި ޓީޖެޓީން އެމްޕީއެލް އަށް އެވްރެޖުކޮށް ލިބޭ އާމްދަނީގެ ތަފްސީލްތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި އެމްޕީއެލް އަކުން ވެސް މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޖެޓް މިއަހަރު އެކުލަވާލިއިރު ކައުންސިލްގެ ބަޖެޓުގައި "ބަނދަރު ކުލި"ގެ ގޮތުގައި މިއަހަރަށް ލިބޭނެ ކަމަށް ޖަހާފައި އޮތް 56 މިލިއަން ރުފިޔާ އުނިކުރުމަށްފަހު މާލެ ސިޓީ ކައުންސިލުން މިއަހަރުގެ ބަޖެޓް ފާސްކުރީ "މާލޭގެ މެދު ޖެޓީ ޚިދުމަތުގެ" ކޯޑުގައި 44 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފަ އެވެ.