އެމްޑީޕީ

ޓެރަރިޒަމަށް ތުހުމަތުވާ މީހުން ދޫވާތީ އެމްޑީޕީ ކަންބޮޑުވެއްޖެ

ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ފަސޭހަކަމާއެކު ދޫވެގެން ދިއުމަކީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ހަމަލާގެ މައްސަލައަށް ވެސް އެ ނަތީޖާގެ އަސަރު ފޯރަފާނެ ކަމަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްްޑީޕީން މިރޭ ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމްގެ އެންމެ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކުރެވި ދައުވާ އުފުލޭ ގިނަ މީހުން އާންމު ގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމައުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއް ކަމަށެވެ. އަދި އިޖުރާއީ ނުކުތާއެއްގެ ހުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުހުމަތުތަކުގައިވާ މީހުން ދޫވެގެންދަނީ އަލުން ދައުވާ ނުވެސް އުފުލޭނޭ ގޮތަށް ކަމަށެވ

މިގޮތުން އެންމެ ފަހުން ދައުވާކުރެވެން ނެތް ކަމަށް ބުނެ ދޫކޮށްލާފައި ވަނީ އިސްލާމިކް ސްޓޭޓްގެ ލީޑަރުގެ ގޮތުގައި ދިވެހިރާއްޖޭގައި ހަރަކާތްތެރިވެ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް ރެކްރޫޓްކޮށް ހަނގުރާމައަށް ދިވެހިން ފޮނުވަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވި، ދައުވާއުފުލިފައިވާ މީހެއް ކަމަށާ އެނާ އަކީ ބޭރުގެ ގައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކުންނާއި ވޮޗްލިސްޓްގައި ވެސް ފާހަގަކޮށްފައިވާ މީހެއް ކަމަށް ބުނެފައިވެއެވެ.

"... އެހެން ނަމަވެސް އޭނާ ވެސް ދޫކޮށްލާފައިވަނީ ތުހުމަތުކުރެވޭ ކުށުގެ ސީރިއެސް ކަމާއި ހެއްކާއި ގަރީނާގެ މައްޗަށް ބެލުމުގެ ތެރެއިން ނޫނެވެ. ނުވަތަ ހައްޔަރުގައި ބަހައްޓަންޖެހޭ ހެއްކާ ގަރީނާ ނެތުމުގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެއާ ހިލާފަށް އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާއީ ހުއްޖަތެއް ކަމަށްވާ ހައްޔަރުކުރުމާ ގުޅޭ ދެ ގާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެންނެވެ،"

އެމްޑީޕީން ބުނީ މިފަދަ ސީރިއަސް ޓެރަރިޒްމްގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު މީހަކު ގާނޫނީ ހުއްޖަތެއްގައި ދޫވެދިއުމަކީ ތަހުގީގުކުރާ އިދާރާ ނުވަތަ ޕްރޮސިކިޔުޓަރު ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ ފަރުވާތެރިވެ ނުވަތަ ސީރިއަސް ވާންޖެހޭ މިންވަރަށް އަމަލުނުކުރުމުގެ ސަބަބުން ކަމަށް ދެދޭ ކަމަށެވެ.

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިޒަމުގެ ހަމަލާދިން މީހުންގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކާއި އެމީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމުގެ ނުރައްކަލާމެދު އަމަލުކުރުމުގައި ސަމާލުކަން ދިނުމުގަ އާއި ފަރުވާތެރިވުމުގައި އިހުމާލުނުވުމަށާއި ނުވަތަ ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ހައި ކޯޓުން ބާތިލުކޮށްފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ހައި ކޯޓުން އަމީން ދޫކޮށްލުމަށް ނިންމީ ދަށު ކޯޓު މަރުހަލާގައި ޝަރީއަތް ފެށުމުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް އެންމެ ފުރަތަމަ އެކަން ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުން ކުރި އަމުރަކަށްފަހު ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 23، 2019 ގައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ. ހައިކޯޓުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައިވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ދައުވާކޮށްފައި ވާތީ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުރި މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 60 ދުވަސް ލިބެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އަމީންގެ ބަންދު އިތުރުކޮށްފައިވާތީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށެވެ.

ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ކުރުމަށްފަހު އެވެ.