ނަޝީދަށް އަމާޒު ކުރި ހަމަލަ

ފަހުމީ އަކީ އެމްޑީޕީ ފިކުރުގެ މީހެއް: ދިފާއީ ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ގއ. ވިލިނގިލި ހުދުރުވާގެ ފަހްމީ އަލީ އަކީ އެމްޑީޕީ ފިކުރަށް ތާއީދު ކުރާ މީހެއް ކަމަށް އޭނާގެ ދިފާއީ ވަކީލް ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއްގެ އިތުރުން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހެކެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދިޔަ ބައިގައި ފަހުމީގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ އޭނާ އަކީ ރައީސް ނަޝީދުގެ އަދާވާތްތެރިއެއް ނޫން ކަމަށެވެ. އޭނާ އަކީ އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ މީހެއްކަން ފަހުމީގެ މަންމަގެ ބަޔާނުން ވެސް އެނގޭ ކަމަށެވެ.

އަދި ފަހުމީގެ މަންމައާއި ބައްޕަގެ ބަޔާނުން އޭނާ އަކީ ހަރުކަށި ފިކުރުގެ މީހެއް ނޫން ކަން ވެސް އެނގޭ ކަމަށެވެ.

ދިފާއީ ވަކީލް އިތުރަށް ވިދާޅުވެފައި ވަނީ ފަހުމީގެ އަންހެނުން މިހާރު އިނީ ބަލިވެ ކަމަށެވެ. އަންހެނުންގެ ބަނޑަށް ހަތް މަސް ކަމަށާއި އެ އަންހެން މީހާ އަކީ އެކަނި އުޅޭ އަންހެނެއް ކަމަށެވެ. އަދި ފަހުމީގެ ބައްޕަ އަކީ ޕެރެލައިޒް ވެފައިވާ މީހެއް ކަމަށާއި އޭނާގެ އަންހެނުންނާއި މައިންބަފައިންނަށް އޭނާގެ އެހީތެރިކަން ވަރަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން މި ސަބަބުތަކަށް ރިއާޔަތްކޮށް އޭނާ ދޫކޮށްލުމަށް ދިފާއީ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް ގަހުމީ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް އޮތް މީހެއް ކަމަށް ފެންނާތީ ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަހުމީ އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކުށުގެ ދައުވާ އެވެ. އޭނާ ވަނީ މި ދައުވާއަށް އިންކާރުކޮށް މިފަދަ އަމަލެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށް ބުނެފަ އެވެ.

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އިސް ގާޒީ އާދަމް މުހައްމަދާއި، ގާޒީ ސޮފްވަތު ހަބީބް އަދި ގާޒީ މުހައްމަދު މިސްބާހެވެ.