ފިޔަވަތި

އަންހެން ކުއްޖަކު ފިޔަވަތީގެ ފާރުމަތީ ތިން ގަޑިއިރު

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާތާ ފަސް ދުވަސް ވީއިރު އަދިވެސް މައްސަލަ މުޅީން ހައްލު ކުރެވިފައެއް ނުވެއެވެ. މިރޭވެސް ބައެއް ކުދީންް ވަނީ "ފިޔަވަތި" ގެ ފުރާޅު މައްޗަށް އަރާ ދުވެ ހަދާފައެވެ. އަދި އަޑުގަދަކޮށްފައިވެއެވެ.

ކުރީ ދެ ރެ އާއި ހިލާފަށް މިރޭ ފުރާޅުމައްޗަށް އަރާފައިވަނީ މަދު ކުދިންތަކެކެވެ. ޖުމްލަ ފަސް ކުއްޖަކު ފުރާޅުމަތީ ތިބިތަން މިރޭ ފެނުނެވެ. މިރޭ 11 ޖެހި ފަހުން އެ ކުދިން ވަނީ ފުރާޅު މައްޗަށް އަރާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ފަހުން ހަތަރު ކުއްޖަކު ވަނީ ފުރާޅު މަތިން ފައިބާފައެވެ.

ނަމަވެސް އަންހެން ކުއްޖަކު ފުރާޅުމަތިން ނުފައިބާ އިންނަތާ މިހާރު ވަނީ ތިން ގަޑިއިރުވެފައެވެ. މީގެ ކުޑައިރުކޮޅެއްގެ ކުރީން އެ ކުއްޖާ ފުރާޅު މަތިން ފޭބި ނަމަވެސް އެތަނުގެ ފާރުބުރި މަތީ އިށީންދެ ލައިގެން އަދިވެސް އެބަ އިނެވެ. ބައެއް އާންމުން އެ ސަރަހައްދުގައި އެބަ ތިއްބިއިރު ފުލުހުންވެސް ގެންދަނީ އެ ސަރަހައްދުގައި ޑިއުޓީ ކުރަމުންނެވެ.

"ފިޔަވަތި" ގައި ތިބި ބައެއް ކުދީން މިރޭވެސް ވަނީ އެ ތަނުން އެހެން ތަނަކަށް ގެންގޮސްފައެވެ. އެ ކުދީން ގެންދިޔައީ ސައިކަލުގައެވެ.

އެ ކުދީން ތިބީ ދަބަހެއް ކޮނޑުގައި އަޅައިގެންނެވެ. އެ ކުދީން ގެންދަނީ ކޮންތާކަށް ކަމެއް ނޭންގެ އެވެ. ރޭވެސް ބައެެއް ކުދީން "ފިޔަވަތި" އެހެން ތާކަށް ގެންދިޔައެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާތާ ފަސް ދުވަސް ވީ ފަހުން ސަރުކާރުގެ އިސްވެރިން އެތަނަށް މިއަދު ވަނީ ޒިޔާރަތްކޮށްފައެވެ. ނާއިބު ރައީސް ފައިސަލް ނަސީމުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަޑައިގެންނެވިއެވެ.

ފިޔަވަތީގެ ހާދިސާއާ ގުޅޭގޮތުން މީޑިއާއިން ސުވާލުތައް ކުރިމަތި ކުރުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި "ފިޔަވަތި" ގެ ތަރުތީބު ކޮންމެވެސް ވަރަކަށް ގެއްލުނީ އެވެ. އަދި އެކަން ހައްލު ކުރާނެ ކަމަށް ވިދާޅުވެ ފެއިލްވެފައިވާވުން ފޮރުވަން މަސައްކަތް ކުރެއްވި އެވެ. ކަންކަން ކުރައްވަނީ ތަރުތީބުން، ކުދިންގެ ހައްގުތަކަށް ބަލައި އެކަން ކަށަވަރު ކުރަމުން ކަމަށް ވިދާޅުވެ ދިފާއުގައި ދެއްކެވީ މުޅީން އަސާސެއް ނެތް ވާހަކަތެކެވެ. ހާލަތު ގޯސްވީ ހައެއްކަ ކުދީންގެ ސަބަބުން ކަމަށް ވިދާޅުވެ މުޅި މައްސަލަ ފޮރުވަން ވެސް މަސައްކަތް ކުރެއްވި އެވެ.