ލައިފްސްޓައިލް

ކޯރުން ދަތުރުކުރާ މީހުނަށް ވާގޮތެއް ނޭނގޭ!

"ބާމިއުޑާ ޓްރައިންގަލް" ވާހަކަ އަޑު އަހާފައި ވާނެ އެވެ. އެ ޓްރައިންގަލް އަށް އޮޅިގެން ނަމަވެސް ބޯޓަކަށް ވަދެވިއްޖެނަމަ އެ ބޯޓެއް އަނބުރާ ނާންނަ ކަމަށް ބުނެވެ އެވެ. އިންޑިއާ - މިޔަންމާ ބޯޑަރުގައި މިފަދަ ކޯރެއް އެބައޮތެވެ. މި ކޯރު އޮތް ސަރަހައްދުގެ މީހުން ޒަމާނުއްސުރެ ބުނާ އެއް ވާހަކައެއް އޮވެ އެވެ. އެ ކޯރުގައި ދަތުރުކުރި އެއްވެސް އުޅަނދެއް އެނބުރި އައިސްފައި ނުވާ ވާހަކަ އެވެ. އެހެންވެ އެ ކޯރަށް ކިޔާފައިވާ ނަމަކީ ވެސް "ލޭކް އޮފް ނޯ ރިޓާން" އެވެ.

މި ކޯރު އޮތީ އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ބޯޑަރުގައި މިޔަންމާއާ ގުޅޭ ބޯޑަރުގައި އޮންނަ އަވަށާ ދެމެދު ގައެވެ. ކޯރުގެ ދިގުމިނުގައި 1.8 ކިލޯމީޓަރު ހުރެ އެވެ. އެންމެ ފުޅާ ހިސާބުގެ ފުޅާމިނުގައި 0.4 ކިލޯ މީޓަރު ހުރެ އެވެ.

އިންޑިއާ ޓައިމްސްގައިވާ ރިޕޯޓެއްގައިވާ ގޮތުން މި ކޯރަށް ނަންދީފައި ވަނީ ވަރަށް ކުރީ ޒަމާނެއްގައި އެ ހިސާބުގައި އުޅުނު މީހުންނެވެ. އެ ޒަމާނުއްސުރެ އެންމެން ވެސް ގަބޫލުކުރާ ވާހަކައަކީ އެ ކޯރުން ދަތުރު ކޮށްފިނަމަ އެ އުޅަނދެއް ނުވަތަ އެ ބަޔަކަށް އެނބުރި ނާދެވޭނެ އެވެ. އަދި މިހާތަނަށް އެ ކޯރުން ދަތުރުކުރި އެއްވެސް މީހަކު އައިސްފައި ނުވާ ކަމަށް އެ ހިސާބުގަނޑު މީހުން ބުނެ އެވެ.

މި ކޯރާ ގުޅޭ ގޮތުން އެންމެ ގިނަ ބަޔަކު ގަބޫލުކުރާ އެއް ވާހަކައަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގެ ވާހަކައެކެވެ. އެ ދުވަސްވަރު ހަނގުރާމަ މަތީ ވަރަށް ގިނަ އެއާކްރާފްޓްތައް އެ ކޯރަށް ޖައްސައި އޭގައި ތިބި ގިނަ އަދަދެއްގެ ކުރޫންގެ ފުރާނަ އެ ކޯރުގެ ތެރެއަށް ގެއްލިފައިވާ ކަމަށް ވެއެވެ. އެހެންވެ އެ ކޯރު ނާމާން ތަނަކަށް ވެފައިވަނީ ކަމަށް ގަބޫލު ކުރެވިފައި ވެއެވެ.

މި ކޯރާ ބެހޭ ގޮތުން އެ ހިސާބުގަނޑު މީހުން ކިޔައިދޭ ފޯކްލޯއެއް ވެސް އޮވެ އެވެ. އެ ވާހަކައިގައި ބުނަނީ ވަރަށް ކުރީ ޒަމާނެއްގައި އެ ކޯރު އޮންނަ ހިސާބުގަނޑުގެ މީހުން އެ ކޯރުން ވަރަށް ބޮޑު މަހެއް ބޭނި ކަމަށެވެ. އަދި އަވަށުގައި ދިރިއުޅޭ ވަރަށް މުސްކުޅި އަންހެނަކާއި އޭނާގެ މާމަ ދަރިފުޅަށް ނޫން އެހެން ހުރިހާ އެންމެންނަށް އެ މަސް ކާން ދައުވަތު ދިން ކަމަށެވެ. އެކަމާ ކޯރުގެ ގާޑިއަން (ބަލަދުވެރިޔާ) ހިތްހަމަނުޖެހި މުސްކުޅި އަންހެންމީހާ އާއި އޭނާގެ އަންހެންދަރިފުޅު ފިޔަވައި އަވަށުގެ އެންމެން އެ ކޯރަށް ގަންބާ މަރާލީ ކަމަށް ވެސް މި ވާހަކައިގައި ކިޔަ އެވެ.

މި ނޫނަސް އިތުރު ތިން ގޮތަކަށް މި ކޯރާ ގުޅޭ ވާހަކަތައް ކިޔަ އެވެ. ޖަޕާނުގެ ސިފައިންތަކެއް މަގު އޮޅިގެން އެ ކޯރު ކައިރިއަށް ދެވި އެ ތަނުގައި ތިއްބާ މެލޭރިޔާ ޖެހި މަރުވި ވާހަކައަކީ ވެސް ކޯރާ ގުޅުވައިގެން ދެކެވޭ އެއް ވާހަކަ އެވެ.

ކޮންމެއަކަސް މި ކޯރުގެ ހަގީގަތެއް އެއްވެސް މީހަކަށް އެނގޭ ކަމަކަށް ނުވެ އެވެ. ނަމަވެސް މިފަދަ ވާހަކަތައް ގަބޫލުނުކުރާ ބައެއް މީހުން ބުނަނީ މިއީ އެ ސަރަހައްދުގެ ޓޫރިޒަމް ކުރިއަރުވައި މީހުން އެތަން ބަލަން ގެންނަން ވެގެން ބަޔަކު ހަދައިގެން ދައްކާ ވާޙަކައެއް ކަމަށެވެ.