އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހީ ވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ހުރިހާ އެސެޓެއް ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ، އެވިޑް ކޮލެޖުން ގަނެ ފްލައިން ސްކޫލެއް ހިންގަންވި އެއްބަސްވުން އިއްޔެ ވަނީ ބާތިލު ކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހުސައިން ވިދާޅުވީ އެއްބަސްވުން ބާތިލު ކުރިކުރުން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމުގައި ދަރިވަރުންނަށް ހަޔާއެޑިއުކޭޝަން މިނިސްޓްރީން ކޮށްދެވެން އޮތީ ކޮންކަމެއްތޯ ބަލަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ވެސް ދަރިވަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާފައި ވާނެ ކަމަށާއި ސަރުކާރުން ކުދިންގެ ލޯނު ހަޔާއެޑިއުކޭޝަންގެ ދަށަށް ބަދަލު ކުރުމާއި ކުދިން ކިޔާވާ ނިމުނު ދުވަހަކުން ލޯނު ދެއްކުން ފަސްކޮށްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުދިންގެ ކިޔެވުމުގެ ބާކީ އޮތްބައި ރާއްޖެއިން ބޭރުން ކިޔެވޭ ގޮތް ހަދައިދިނުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށެވެެ.
"ދަރިވަރުންނަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން. ދަރިވަރުންނަށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދެވޭތޯ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭއޭއޭގެ ހިންގުން ގޯސްވެ ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މިދިޔަ ޖޫން މަހު ފްލައިން ސްކޫލު އެވިޑްގެ ދަށަށް ބަދަލު ކުރި އެވެ. އެވިޑުން އޭރު ބުނީ އެ ސްކޫލު އެ ކޮލެޖުގެ ދަށަށް ބަދަލުކުރީ އޭއޭއޭގެ އަތުން ހުރިހާ އެސެޓެއް ގަތުމަށް ފަހު ކަމަށެވެ.
ނަމަވެސް އޭއޭއޭ އިން ފްލައިން ސްކޫލު ހިންގި ދުވަސްވަރު ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދަރިވަރުން މައްސަލަ ހުށަހަޅާފައިވާ އިރު އެކަމާ ގުޅޭ ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި އޭއޭއޭގެ އަތުން ފްލައިން ސްކޫލު ގަނެފައެއް ނުވެ އެވެ. ކަމާ ގުޅޭ ލިޔުންތައް އަވަސްއަށް ވެސް ލިބިފައިވާ އިރު އެ ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި އެވިޑު ކޮލެޖާއެކު އޭއޭއޭ އިން ކުރި މުއާމަލާތަކީ ވިޔަފާރި ވިއްކާލުމުގެ މުއާމަލާތެއް ނޫނެވެ.
އިއްޔެ އޭއޭއޭ އާއި އެވިޑްއިންވި އެއްބަސްވުން ބާތިލު ކޮށްފައިވާކަން ހާމަކުރަމުން ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ އެއްބަސްވުން އުވާލަން މެދުވެރިވީ ފްލައިން ސްކޫލްގެ މައްސަލައާއި ގުޅުންހުރި ބައެއް މުއައްސަސާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރެވިގެން ކަމަށެވެ.