މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ސަރުކާރުން ނިންމީ މާލެ ކައިރި ރަށެއްގައި މި ދުވަސް ފާހަގަކުރުމުން ހަރަދުކުޑަ ވާނެތީ އެވެ.
މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ސަރުކާރުން ކަނޑައަޅަނީ އާންމުކޮށް އެކަމަށް ހުޅުވާލުމުން ކުރިމަތިލާ ރަށްތަކެއް ބެލުމަށްފަހު އެވެ. ނަމަވެސް މިއަހަރު އެފަދަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.
މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމި ނަމަވެސް އެ ދުވަހު ކުރިއަށް ގެންދާނެ ހަރަކާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
މަސްވެރިންގެ ދުވަހަށް ސަރުކާރުން ތައްޔާރުވަމުންދާއިރު މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މަހަށް ހަމަ އަގު ނުލިބޭ މައްސަލާގައި މަސްވެރިންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.