ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މައްސަލަތައް ހައްކުރެވޭނީ ޕީޕީއެމް-ޕީއެންސީ ސަރުކާރެއްގައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ފިޔަވަތީގައި މިހާރު ދިމާވެގެން އުޅޭ މައްސަލައާއި ގުޅިގެން އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިޔަވަތީގެ މައްސަލަ ހައްލުވާނީ އެތަނުގައި ތިބި ކުދިންގެ ބޭނުންތަކާއި އިހުސާސްތައް ދެނެގަނެވިގެން ކަމަށެވެ. އަދި އެކުދިން މި ހާލަތަށް އައި ސަބަބު ދެނެގަނެވޭ ފަދަ އޯގާތެރި، އިހްލާސްތެރި ބަޔަކު ޖެންޑާ މިނިސްޓްރީގައި ތިބެގެން ކަމަށެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ފިޔަވަތީގެ މައްސަލަ ހައްލު ކުރެވޭނީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ކަމަށެވެ.
ފިޔަވަތީގެ މައްސަލާގައި އާދަމް ޝަރީފް ވާހަކަދައްކަވާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާގެ އަނބިކަނބަލުންނަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާގެ އިސްވެރިޔަކަށް ހުންނެވި ބޭފުުކެވެ. ނަމަވެސް އޭރުވެސް ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގައި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.
ދައުލަތުން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބި ކުދިން މިދިޔަ ހުކުރު ދުވަހު ވަނީ ފުރާޅަށް އަރާ އަޑުގަދަކޮށް ތަނަށް އެކިވަރުގެ ގެއްލުންދީ ހުޅު ވެސް ޖަހާފަ އެވެ. އަދި އިއްޔެ ވެސް ވަނީ ބައެއް ކުދިން ފިޔަވަތީގެ ފުރާޅަށް އަރައިގެން އުޅެފަ އެވެ.
މިކަމާ ގުޅޭގޮތުން ޖެންޑާއިން ބުނެފައިވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަަމަށެވެ.