އދ. އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަހަރު ތަގުރީރު ކުރައްވާނީ ދިވެހި ބަހުން ކަން އަވަސް އަށް އެނގިއްޖެ އެވެ.
ރައީސް ތަގުރީރު ކުރައްވާނީ ދިވެހި ބަހުންތޯ އެހުމުން ރައީސް އޮފީހުން އެކަން ދޮގުކުރައްވާފައެއް ނުވެ އެވެ.
ރައީސް ސޯލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެއިން ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ.
އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ.
އާންމު މަޖިލީހުގެ ޖަލްސާގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ ރައީސް ސޯލިހް ތަގުރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު ތިންވަނަ އަށެވެ. ރައީސް ސޯލިހުގެ ކުރިއަށް ތަގުރީރު ކުރައްވާނީ ބްރެޒިލް އަދި އެމެރިކާގެ އިސްވެރިންނެވެ.
ރައީސް އާންމު މަޖިލީހުގައި ތަގުރީރުކުރައްވާއިރު އެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ.
ރައީސް ސޯލިހް އެންމެ ފުރަތަމަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ މަޖިލީހުގައި ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުން 2019 އަހަރު އިނގިރޭސި ބަހުންނެވެ. އެހެންކަމުން މިއީ އެމަނިކުފާނު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ދެވަނަ އަހަރެވެ.