ފިޔަވަތި

ފިޔަވަތި ހަމަނުޖެހުން: ޝުޖާއު އާއި ނޫސްވެރިންގެ މައްސަލަ ބަލަނީ

Sep 19, 2021
4

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ބައެއް ނޫސްވެރިން އަމަލުކުރި ގޮތް ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީން ނިންމައިިފި އެވެ.

"ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ ތިން ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހު ވަނީ އެތަނުގައި ބޮޑު ހަމަނުޖެހުމެއް ހިންގާފައެވެ. ވަރަށް ގިނަ ކުދީން ވަނީ ފުރާޅު މައްޗަށް އަރާ ދުވެ އަޑުގަދަކޮށް ހަދާފައެވެ. ބައެއް ކުދިން ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. އަދި އެތަނުގައި ހުޅު ޖަހާ ތަކެއްޗަށް ގެއްލުން ދީފައިވެއެވެ.

އެއީ ނުހިނގާ ކަމެއް ކަމަށް ދެއްކުމަށް ސަރުކާރާއި ޖެންޑާއިން މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރުތަކާއި ފޮޓޯތައް އާންމުވުމުން ރައްޔިތުންގެ ނުރުހުމާއި ރުޅި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

ހުކުރު ދުވަހު ހަވީރާއި އެ ރޭ ހިނގާދިޔަ ކަންކަން ކަވަރު ކުރަން އެ ސަރަހައްދުގައި ވަރަށް ގިނަ ނޫސްވެރިން ހަރަކާތްތެރިވިއެވެ. އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެ ސަރަހައްދަށް ވަޑައިގެން އިމާރާތުގެ ތެރެއަށް ވަދެވަޑައިގަތެވެ. އަދި އޭގެ ފަހުން މީޑިއާއަށް އިންޓަވިއުވެސް ދެއްވިއެވެ.

މި މައްސަލަ މަޖިލީހުން ބަލަމުންދާއިރު މިއަދު އޮތް ކޮމެޓީ ބައްދަލްވުމަށް އެޗްއާރުސީއެމް އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ރިޕޯޓެއް ހުށައަޅާފައެވެ. އެ ރިޕޯޓްގައި ޝުޖާއު އަމަލު ކުރެއްވި ގޮތާއި ނޫސްވެރިންގެ އަމަލުތައް ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ކޮމެޓީގެ މެންބަރުން ވިދާޅުވިއެވެ.

ކޮމެޓީގެ ބައްދަލްވުމުގައި ފުވައްމަލު ތަމްސީލު ކުރައްވާ މުހައްމަދު މުމްތާޒު ވަނީ ފިޔަވައްޗަށް ވަދެވަޑައިގެން ޝުޖާއު އަމަލު ކުރެއްވި ގޮތާއިމެދު ކަންބޮޑުވާ ކަމަށެވެ. އަދި އެކަން އެލްޖީއޭއަށް ހުށައަޅައިގެން ބެލުމަށް ހުށައެޅުއްވިއެވެ. ނޫސްވެރިންގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށައެޅުމަށްވެސް އެދިވަޑައިގަތެވެ. އެހެން ކަމުން ކޮމެޓީގެ މެންބަރުންގެ ތާއީދާއެކު އެ ގޮތަށް ވަނީ ނިންމާފައެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާތާ ފަސް ދުވަސް ވީ ފަހުން ސަރުކާރުގެ އިސްވެރިން އެތަނަށް އިއްޔެ ވަނީ ޒިޔާރަތްކޮށްފައެވެ. ނާއިބު ރައީސް ފައިސަލް ނަސީމުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަޑައިގެންނެވިއެވެ.
ފިޔަވަތީގެ ހާދިސާއާ ގުޅޭގޮތުން މީޑިއާއިން ސުވާލުތައް ކުރިމަތި ކުރުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި "ފިޔަވަތި" ގެ ތަރުތީބު ކޮންމެވެސް ވަރަކަށް ގެއްލުނީ އެވެ. އަދި އެކަން ހައްލު ކުރާނެ ކަމަށް ވިދާޅުވެ ފެއިލްވެފައިވާވުން ފޮރުވަން މަސައްކަތް ކުރެއްވި އެވެ. ކަންކަން ކުރައްވަނީ ތަރުތީބުން، ކުދިންގެ ހައްގުތަކަށް ބަލައި އެކަން ކަށަވަރު ކުރަމުން ކަމަށް ވިދާޅުވެ ދިފާއުގައި ދެއްކެވީ މުޅީން އަސާސެއް ނެތް ވާހަކަތެކެވެ. ހާލަތު ގޯސްވީ ހައެއްކަ ކުދީންގެ ސަބަބުން ކަމަށް ވިދާޅުވެ މުޅި މައްސަލަ ފޮރުވަން ވެސް މަސައްކަތް ކުރެއްވި އެވެ.