ފިޔަވަތި

އެމްބިއުލާންސްގައި ގެންދިޔައީ އެހީތެރިކަން ބޭނުންވާ ކުއްޖެއް

"ފިޔަވަތި" ގައި މިއަދު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ "ފިޔަވަތި" ގައި ހަމަނުޖެހުމެއް ހިނގާ އަނިޔާވި ކުއްޖަކު ފަރުވާ ގެންދާ ކަމަށް ބުނާ ވީޑިއޯއެއް އާންމުވެ ވައިރަލްވުމުންނެވެ. އެ ވީޑިއޯ އާންމުކުރި ޓެލެގްރާމް ޕޭޖުގެ ނަމާއެކު ޖެންޑާއިން ކުރި ޓްވީޓެއްގައި ބުނަނީ އެ ވީޑިއޯ ފަތުރާ އެ ޕޭޖުން ހަދަމުންދަނީ ދޮގު ކަމަށެވެ.

އަދި ފިޔަވަތީގައި އެއްވެސް "ރައަޓެއް" ހިނގާފައި ނުވާ ކަމަށެވެ. ވީޑިއޯއިން ފެންނަނީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖަކު އެމްބިއުލާންސްގަައި ގެންދާ މަންޒަރު ކަމަށްވެސް ބުންޏެވެ. އަދި އެ ކުއްޖާ ގެންދިޔައީ ފަރުވާއަކަށް ހޮސްޕިޓަލަށް ކަމަށެވެ.

މީޑިއާއަށް މަައުލޫމާތު ހިއްސާކުރުން މަދު އަދި "ފިޔަވަތި" ގައި ހިނގާ ކަންކަން ސިއްރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާ ޖެންޑާގެ އިތުރު ޓްވީޓެއްގައި ވަނީ ކުދީންނާއި ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތެއް އާންމު ކުރުމުގެ ކުރީން ސައްހަކަން ކަށަވަރު ކުރުމަށް އެދިފައެވެ.

"ފިޔަވަތި" ގައި ހަމަނުޖެހުން ހިނގާތާ ފަސް ދުވަސް ވެފައިވާއިރު މިދިޔަ ހުކުރު ދުވަހު އެކަން ވަރަށް ބޮޑުވިއެވެ. އެ ދުވަހު ވަރަށް ގިނަ ކުދީން ވަނީ ފުރާޅު މައްޗަށް އަރާ ދުވެ އަޑުގަދަކޮށް ހަދާފައެވެ. ބައެއް ކުދިން ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. އަދި އެތަނުގައި ހުޅު ޖަހާ ތަކެއްޗަށް ގެއްލުން ދީފައިވެއެވެ.

އެއީ ނުހިނގާ ކަމެއް ކަމަށް ދެއްކުމަށް ސަރުކާރާއި ޖެންޑާއިން މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރުތަކާއި ފޮޓޯތައް އާންމުވުމުން ރައްޔިތުންގެ ނުރުހުމާއި ރުޅި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.