މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އިމްތިހާނު ނެތި ބަންގްލަދޭޝް މީހުންނަށް ލައިސަންސް ދެނީ

ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެއެވެ.

އެ އިހުތިޔާރުގެ ދަށުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާ އެ މިނިސްޓްރީން އާންމުކުރީ އޮގަސްޓް ދެވަނަ ދުވަހު އެވެ. އެ ލިސްޓްގައި 25 ގައުމެއްގެ ނަން ހިމަނާފައި އޮތެވެ.

އެއީ އަފްޣާނިސްތާން އާއި ބޫޓާން އާއި އިންޑިޔާ އާއި ނޭޕާލް އާއި ޕާކިސްތާން އާއި ސްރީލަންކާ އާއި ބުރުނައީ އާއި ކެމްބޯޑިއާ އާއި އިންޑޮނީޝިއާ އާއި ލާއޯސް އާއި މެލޭޝިއާ އާއި މިޔަންމާ އާއި ފިލިޕީންސް އާއި ސިންގަޕޫރާއި ތައިލެންޑް އާއި ވިއެޓްނާމް އާއި ޖަޕާން އާއި ޔުނައިޓެޑް ކިންގްޑޮމް އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޗައިނާ އާއި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި ސްވިޓްޒާލެންޑް އާއި ސައުދީ އަރަބިޔާ އާއި ބެލްޖިއަމް އާއި ޖަރުމަނީ އެވެ.

އެ ލިސްޓަށް ބަދަލު ގެނެސް މީގެ ކުޑައިރުކޮޅެއްގެ ކުރީން ވަނީ ގެޒެޓްކޮށްފައެވެ. ލިސްޓަށް އިތުރުކޮށްފައިވަނީ ރާއްޖޭގައި އޮތް ބިދޭސީ މަސައްކަތު ފޯސްގައި އެންމެ ބޮޑު ދައުރެއް އޮތް ބަންގްލަދޭޝް އެވެ. ރާއްޖޭގައި ގަވާއިދާ އެއްގޮތަށާއި ގަވާއިދާ ހިލާފަށް އެ ގައުމުގެ އެތައް ހާސް ބަަޔަކު ދަނީ އުޅެމުންނެވެ. އަދި އެ މީހުންގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލަތަކެއް ދަނީ އިތުުރުވެ ފުޅާވަމުންނެވެ.

މި ލިސްޓް އަޕްޑޭޓްކޮށް ބަންގްލަދޭޝްގެ ނަން އިތުރުކުރި ވަކި ސަބަބެއް ޓްރާސްޕޯޓް މިނިސްޓްރީން ނުބުނެއެވެ.