ދުނިޔެ

މިސް ކެނެޑާ ޗައިނާއަކަށް ނޭރުވި

Nov 28, 2015

މިސް ވޯލްޑް މުބާރާތުގައި ބައިވެރިވުމަށް ޗައިނާއަށް އެތެރެވެވޭތޯ މަސައްކަތްކުރި މިސް ކެނެޑާ އަނަސްޓާސިއާ ލިމް އަށް ޗައިނާއިން އެފުރުސަތު ނުދީ އަނބުރާ ފޮނުވާލައިފިއެވެ.

ލިމް އަކީ ޗައިނާއަށް އުފަން ކެނެޑާ ރައްޔިތެކެވެ. އޭނާއާ ޗައިނާ ސަރުކާރާ ގުޅުން ގޯސްވީ ޗައިނާ ސަރުކާރުން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ބުނެ އޭނާ ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ.

މި މުބާރާތުގެ ދައުވަތު ޗައިނާއިން ލިމް އަށް ދީފައެއް ނުވެއެވެ. އެހެން ކަމުން އޭނާއަށް ޗައިނާއަށް އެތެރެވުމަށް ވިސާ ހެއްދުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު ހޮންކޮން މަގުން ޓޫރިސްޓެއްގެ ގޮތުގައި ޗައިނާއަށް އެތެރެވުމަށް އޭނާ މަސައްކަތް ކުރިއެވެ. އެކަން ވެސް ނާކާމިޔާބުވީ ހޮންކޮން އިން ޗައިނާއަށް ދާ ބޯޓަށް ނޭރޭނެ ކަމަށް ސަންޔާގެ އޮފިޝަލަކު ފަހު ވަގުތު ހޮންކޮން އެއާޕޯޓަށް އެންގުމުންނެވެ. މި މައްސަލައިގެ ތަފްސީލެއް ޗައިނާ ސަރުކާރުންވެސް އަދި މިސް ވޯލްޑް މުބާރާތް ބާއްވާ ފަރާތުންވެސް ދީފައެއް ނުވެއެވެ.

ލިމް އަށް ޗައިނާއަށް ނޭރުމުން އޭނާ ވަނީ ހޮންކޮންގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ކުޑަ ދުވަސްކޮޅަކު މަޑު ކުރުމަށް ނިންމާފައެވެ.

ޗައިނާއިން އޭނާއަށާ އޭނާގެ އާއިލާއަށް ދަތިކޮށް އުނދަގޫ ކުރިއަސް އަދި މިސް ވޯލްޑު މުބާރާތުގެ ފުރުސަތު ގެއްލުވާލިއަސް އިންސާނީ ހައްގުތަށް ޕްރޮމޯޓް ކުރުމުގައި ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެނަސް ކުރިއަށް ގެންދާނެ ކަމަށް ލިމް ބުންޏެވެ.
މިއަހަރުގެ މިސް ވޯލްޑް މުބާރާތް އޮންނާނީ އަންނަ މަހު 19 ގައި ޗައިނާގެ ސަންޔާގައެވެ. -- ބީބީސީ