ބޮލީވުޑް

އިމްރާން ހާޝިމީގެ ހަށިގަނޑަށް ހީނުކުރާވަރުގެ ބޮޑު ބަދަލެއް

ބޮލީވުޑްގެ ގިނަ އެކްޓަރުން މިހާރު އެންމެ ބޮޑު ޝައުގުވެރިކަމެއް ދެނީ ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނައުމަށެވެ. ވަރަށް ހިކިކޮށް ތިބޭ ބައެއް އެކްޓަރުން ވެސް މިހާރު ބޮޑީ ބިލްޑުކޮށް ހަށިގަނޑު ވަރުގަދަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އިމްރާން ހާޝިމީ ވެސް ދާދި ފަހުން ވަނީ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ފޮޓޯތަކުން ފެންނަނީ އިމްރާނުގެ ހަށިގަނޑަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ތަނެވެ. އަދި ފޮޓޯތައް ބެލި ގިނަ ބަޔަކު ވަނީ މިކަމާ ވަރަށް ހައިރާން ވެގެން އެ ވާހަކަ ދައްކާފަ އެވެ.

އިންސްޓަގްރާމްގައި އިމްރާން ޝެއާ ކުރި މެސެޖެއްގައި އޭނާގެ ވޯކްއައުޓް ސެޝަނެއްގެ ވީޑިއޯއެއް ވެސް ހިމަނާފައި ވެއެވެ. މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ލޯބިވާ ސަރުބީތަކާ އެވެ. މަރުވާން ތައްޔާރުވާށޭ" އެވެ.

ވިޑިއޯގައި ފެންނަނީ އިމްރާން ވަރަށް ވަރުގަދަ ކަސްރަތުތަކެއް ކުރަމުންދާ މަންޒަރެވެ. ބަރު އުފުލުމާއި އެކި ކަހަލަ ސްޓްރެޗްތައް ހަދާ ތަނެވެ. އަދި މިނޫން ވެސް ހަށިގަނޑަށް ވަރަށް ބާރު ކުރާ ކަހަލަ ވަރުގަދަ ކަސްރަތުތައް އޭނާ ކުރަނިކޮށް ވީޑިއޯގައި ފެނެ އެވެ.

މި ވީޑިއޯއާއެކު ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ 3" ގައި އިމްރާން ބައިވެރިވާ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި ނުބައިބައި ކުޅެނީ އިމްރާނެވެ. އަދި މި ރޯލަށް ފިޓްވާން އިމްރާން ވަރަށް ބޮޑަށް ހަށިގަނޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް "ޓައިގާ 3" ގައި އޭނާ ބައިވެރިވާކަން އިމްރާން ޔަގީން ކޮށެއް ނުދެ އެވެ.