ޝިލްޕާ ޝެޓީގެ އާ ހެއާ ސްޓައިލް ފެނިފައި އޭނާގެ ފޭނުން ވަރަށް ހައިރާން ވެއްޖެ އެވެ. ޖިމްގައި ކަސްރަތުކުރަން އޭނާ ހުރެގެން ނަގާފައިވާ ވީޑިއޯއެއް ދާދިފަހުން ޝިލްޕާ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ވިޑިއޯގައި ފެންނަނީ 46 އަހަރުގެ ބަތަލާގެ އިސްތަށިގަނޑު ފުއްކިބައިން ވަރަށް ބޮޑަށް ބާލައި "ބަޒް ކަޓް" އެއް ނަގާފައި ހުއްޓަ އެވެ. ޝިލްޕާ ބުނެފައި ވަނީ މިއީ ވަރަށް ހިތްވަރުން ކުރެވުނު ކަމެއް ކަމަށެވެ.
ޝިލްޕާ ޝެއާ ކުރި ވީޑިއޯގައި އޭނާ ވަނީ ކަސްރަތުކުރާ މަންޒަރުތަކާއެކު އޭނާގެ އިސްތަށިގަނޑުގެ ސްޓައިލަށް ގެނެސްފައިވާ ބަދަލު ވެސް ދައްކާލާފަ އެވެ.
"ރިސްކެއް ނުނަގާ ހުރިހާ ދުވަހަކު ދިރިއެއް ނޫޅެވޭނެ. އެހެންޏާ ނުކުރާ ކަހަލަ ބައެއް ކަންތައްތައް ވެސް ބައެއް ފަހަރު ކުރަން ޖެހޭނެ. އެއީ އަހަރެން މުޅިން އާ ވޯކްއައުޓްތަކެއް (ޓްރައިބަލް ސްކޯޓްސް) ޕާފޯމް ކުރުން ނަމަވެސް އިސްތަށިގަނޑުގެ ފަހަތުބައިގައި 'ބަޒް ކަޓް' އެއް ނެގުން ނަމަވެސް،" ޝިލްޕާ ލިޔެފައި ވެއެވެ.
ޝިލްޕާ ވަނީ އޭނާގެ މި އާ ކަސްރަތުތަކުގެ ބޭނުމާއި އޭގެން ހަށިގަނޑަށް ފައިދާ ކުރާ ގޮތާއި އެންމެ ބޮޑަށް އަސަރު ކުރާނެ ބައިތައް ކިޔައިދީފަ އެވެ.
ޝިލްޕާ މި ވީޑިއޯ ޝެއާ ކޮށްލުމާއެކު ޓްރޯލް ކުރުމަށް އަވަދިނެތި މަސައްކަތްކުރާ މީހުންތަކަށް ހީވީ އީދެއް އައިހެންނެވެ. އޭނާއަށް މަލާމާތްކޮށް ވަރަށް ހެއްވާ މަޖާ ޖޯކު ޖަހައި ބައެއް މީހުން ވީޑީއޯ އަށް ކޮމެންޓް ކޮށްފައި ހުއްޓެވެ.
"ކުންދުރާ ދެބައިކުޅަ އެއްބައި ތަލަވެއްޖެ،" އެތަނުން އެކަކުގެ ކޮމެންޓުގައި ވެއެވެ. އެހެން މީހަކު ބުނީ އެ ހެއާ ސްޓައިލް މަޖަލެއް ނޫން ކަމަށާއި އޭނާ އަށް އެއްގޮތަކަށް ވެސް އެ ކަމު ނުދާ ކަމަށެވެ.
ކޮމެންޓުކުރި ތިން ވަނަ މީހަކު ބުނެފައިވަނީ އިސްތަށިގަނޑު އެއްކޮށް ބޭލިނަމަ މާ ރީތި ވީސް ކަމަށެވެ.
ޝިލްޕާގެ ހެއާ ސްޓައިލަށް އެއް ބަޔަކު މަލާމާތް ކުރިއިރު އޭނާގެ އިންޑަސްޓްރީގެ އެކުވެރިން ޝިލްޕާ އަށް ތައުރީފުކޮށް މެސެޖުތައް ލިޔެފައި ވެއެވެ. އެގޮތުން ކޯރިއޮގްރާފަރު ޓެރެންސް ލުވިސްގެ މެސެޖުގައި އެ ސްޓައިލް އޭނާއަށް ވަރަށް ކަމުދާ ކަމަށް ބުނެފައި ވެއެވެ. އަދި އާއްމުކޮށް ނުކުރާ ކަންތައްތައް ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށް ކަމަށް ޓެރެންސް ބުނެފައި ވެއެވެ.