ބޮލީވުޑް

މަލައިކާ ހެދުން އަޅާ ސްޓައިލް ދަރިފުޅަށް ވެސް ކަމަކުނުދޭ!

މަލައިކާ އަރޯރާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވާ ފަންނާނެކެވެ. ބައެއް ފަހަރު އޭނާ އަޅާ ހެދުމަށް މީހުން ފާޑުކިޔާއިރު އަނެއްބައި ފަހަރު އޭނާ ހިނގާ ހިނގުމަށްވެސް މަލާމާތް ކުރެ އެވެ. އަދި އޭނާ ހިނގާ ގޮތަށް ކަމަށް ބުނެ އެކިއެކި ވައްތަރަށް ހިނގާފައި މީހުން ޓިކްޓޮކް ވީޑިއޯ ވެސް ކުޅެފައި އެބަހުއްޓެވެ.

މަލައިކާއަށް މަލާމާތްކުރާ މީހުން އޭނާއާ ދިމާކޮށްލައިގެން އުޅޭ އަނެއް ސަބަބަކީ އޭނާއަށް ވުރެ އުމުރުން މާ ހަގު މީހެއް ކަމަށްވާ އެކްޓަރު އަރްޖުން ކަޕޫރާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އެވެ. ގިނަ ބަޔަކަށް މިއީ ވެސް ވަރަށް ބޮޑު މައްސަލަ އެކެވެ.

ނަމަވެސް އެންމެ ފަހުން މަލައިކާއަށް މަލާމާތްކުރީ ސޯޝަލް މީޑީއާގައި އޭނާގެ ޕޯސްޓުތަކަށް ކޮމެންޓުކޮށް ހަދާ މީހުންނެއް ނޫނެވެ. އޭނާގެ އަމިއްލަ ދަރިފުޅު އަރްހާން ޚާން އެވެ.

މަލައިކާގެ ވެބް ޝޯ "މޫވިން އިން ވިތު މަލައިކާ"ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި އޭނާގެ ދަރިފުޅު އަރްހާން ވެސް ބައިވެރިވި އެވެ. އަދި އަރްހާން މި ޝޯގައި ދެއްކި ވާހަކަތަކުގައި އޭނާގެ ބޮޑުދައިތަ އަމްރިތާ އަރޯރާ އާ އެއްކޮޅަށް ޖެހި މަންމަ އާ ވަރަށް ދިމާކުރި އެވެ.

ވަރަށް މަޖާ މޫޑެއްގައި އިން އަރްހާން ވަނީ އޭނާގެ މަންމަ އަޅާ ހެދުންތަކަށް ވެސް ވަރަށް ޖޯކުޖަހާފަ އެވެ.

އަރްހާން ބުނި ގޮތުގައި އޭނާ އާއި މަންމަގެ އެއްގޮތް އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އެ ދެ މީހުންނަކީ ވެސް އެމީހުންގެ މައިންބަފައިންނަށް ލިބުނު ފުރަތަމަ ދަރިއަށް ވުމެވެ.

އަރްހާން އާއި އޭނާގެ ބޮޑުދައިތަ އައްމޫ (މަލައިކާގެ ކޮއްކޮ އަމްރިތާ) އާ ވަރަށް ގުޅުން ރަނގަޅު ކަމަށާއި އައްމޫއަކީ އޭނާގެ ދެވަނަ މަންމަގެ ގޮތުގައި ދެކޭ ކަމަށް އަރްހާން ބުންޏެވެ.

މަލައިކާ އަށް އަރްހާން މާ ބޮޑަށް މަލާމާތްކޮށް ޖޯކު ޖަހަން ފެށުމުން މަލައިކާ ބުނީ އެއީ އަރްހާން އޭނާ ރުޅިއަރުވަންވެގެން އަބަދުވެސް ކަންތައް ކުރާ ގޮތް ކަމަށެވެ.

އަރްހާން ބައިވެރިވި ފުރަތަމަ އެޕިސޯޑުގައި މަލައިކާ ލައިގެން އިނީ އަތްކަނޑާލާފައި ހުރި ހުދު ރޮނގުތަކެއް ދަމާފައިވާ ކަޅު ޓޮޕެކެވެ. މި ހެދުމަށް ވެސް އަރްހާން ވަރަށް ޖޯކު ޖެހި އެވެ. ޓޭބަލް ނެޕްކިން އަށް ލައިގެން ތީނީ ކީއްވެހޭ؟ އަރްހާން އޭނާގެ މަންމައާ ސުވާލު ކުރި އެވެ.

"މަންމަ ތި ހެދުމުގައި އިންނައިރު ހީވަނީ ގައިދީއެއްގެ ޔުނިފޯމް ލައިގެން އިންހެން،" އަރްހާން ބުންޏެވެ.

އަރްހާން، 19، އަކީ ވެސް ފިލްމީ ދާއިރާއަށް ޝައުގުހުރި ޒުވާނެކެވެ. ފިލްމު އުފެއްދުމުގެ ރޮނގުން އެމެރިކާގައި މަތީ ތައުލީމު ހާސިލުކުރަމުންދާ އަރްހާން މި ވަގުތު ހުރީ ޗުއްޓީއެއްގައި އިންޑިޔާއަށް ގޮހެވެ.

ކަރަން ޖޯހަރް ޑައިރެކްޓްކުރާ އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަރްހާން މަސައްކަތް ކޮށްފައި ވެއެވެ.