ބޮލީވުޑް

ރަންދީޕް ހޫޑާ 26 ކިލޯ ލުއިކޮށްލީ ކަދުރަކާއި ކިރުތައްޓެއް ބޮއިގެން

ރަންދީޕް ހޫޑާގެ އާ ފިލްމު "ސްވަތަންތުރަ ވީރް ސަވަރްކާރް"ގެ ފުރަތަމަ ޓީޒާ ރިލީޒްކުރުމާއެކު އިންޓަނެޓަށް ތޫފާނެއް އައި ކަހަލަ އެވެ.

ފިލްމުގެ މޮޅު ކަމުންނާއި ރަންދީޕްގެ ސިފަޔަށް އައިސްފައި ހުރި ބޮޑު ބަދަލުންނެވެ.

ރަންދީޕް ކުރިން ފެނިފައި ހުރި މީހަކަށް ނަމަވެސް އޭނާ މި ފިލްމުގައި ހުރި ސިފަ ފެނުމުން އެއީ އޭނާކަން ދެނެގަންނާކަށް އެހާ ފަސޭޙައެއް ނުވާނެ އެވެ، ރަންދީޕް ވަރަށް ބޮޑަށް ހިކިފައި ހުރުމުގެ އިތުރުން އޭނާގެ ސިފަވެސް މުޅިން ބަދަލުވެފައި ވާތީ އެވެ.

ރަންދީޕް އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ގުނާލެވޭ އަދި އޭނާ ކުޅޭ ކޮންމެ ރޯލެއް ވެސް ފުރިހަމަކުރަން ވަރަށް މަސައްކަތްކުރާ އެކްޓަރެކެވެ. އޭނާގެ މި ފިލްމުން ވެސް ފެނުނީ ހަމަ މިފަދަ ހިތްވަރުގަދަ އެކްޓަރެކެވެ.

މި ފިލްމުގައި ރަންދީޕް ކުޅެފައިވަނީ ވިނާޔަކް ދާމޯދަރް ސަވަރްކަރްގެ ކެރެކްޓާ އެވެ. ފިލްމުގައި އޭނާ މަޝްހޫރުވެފައިވަނީ ވީރް ސަވަރްކަރްގެ ނަމުންނެވެ. މި ފިލްމު ކުޅެން ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭތީ ރަންދީޕް ވަނީ އެންމެ ހަތަރު މަސް ތެރޭގައި 24 ކިލޯ ލުއިކޮށްލާފަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އާނަންދް ޕަންޑިތު ބުނި ގޮތުގައި ކުރިން މި ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ މަހޭޝް މަންޖްރެކަރް އެވެ. ނަމަވެސް މަހޭޝް އަށް ފިލްމު ޝޫޓްކުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި އާދެވޭ ގޮތް ނުވެގެން އެންމެ ފަހުން ފިލްމު ޑައިރެކްޓްކުރީ ވެސް ރަންދީޕް ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

"އޭނަ (ރަންދީޕް) އަހަރެންގެ އޮފީހަށް ފުރަތަމަ އައި ދުވަހު އޭނާގެ ބަރުދަނުގައި 86 ކިލޯ ހުރި. ނަމަވެސް އެ ދުވަހުން ފެށިގެން އޭނާ ކެރެކްޓާއަށް ފިޓްވާން މަސައްކަތް ފެށި. ދުވާލަކު އެންމެ ކަދުރަކާއި ކިރުތައްޓެއް ބޮއިގެން އޭނާ ހަތަރު މަސް ތެރޭ އެހާ ބޮޑަށް ހިއްކާލާފައި އެހެރީ،" ޕްރޮޑިއުސަރު ބުންޏެވެ. މިވަރުންވެސް ހިތްހަމަނުޖެހިގެން ބޯވެސް ބާލައި މުޅިން ތަލަޔަށް ހަދާލާފައި ހުރި ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.


އައިޝްވަރިޔާ ރާއީއާ އެކު "ސަރަބްޖީތު" ކުޅުނު ދުވަސްވަރު އެ ރޯލަށް ފިޓްވާން ވެސް ރަންވީރު 28 ދުވަސް ތެރޭ 18 ކިލޯ ހިއްކާލި އެވެ. އެފަހަރު އޭނާ ކެއުން މުޅީން ހުއްޓާލައި ދިރިއުޅެފައިވަނީ ހަމައެކަނި ކޮފީ ބޮއިގެންނެވެ.

"އަހަރެން ކޮންމެ ކަމެއް ކުރަން ފެށިޔަސް ދެން އެކަމެއްގައި ހައްދުފަހަނަޅާ ދާވަރަކަށް އެކަމެއް ކުރެވޭ. އެފަހަރު ހިކެން ވެގެން ޒީރޯ ކެލޮރީ ޑައިޓަކަށް ކެއުން ބަދަލުކޮށްލިއިރު ހަކުރަކީ ވެސް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަކަށް ނުބަލަން. އެ ފަހަރު ނުކައި ހުރެ ހުރެ އަހަރެން މޮޔަނުވީ ކިރިޔާ. އަބަދު އަބަދު ކާއެއްޗެހި މަތިން ހަނދާންވޭ. ބަނޑުހައިވެގެން ގޮސް ރޭގަނޑު ނުނިދިފައި އޮންނަން ޖެހުނު. ނުކައި ހުންނަން އަހަރެން މަސައްކަތް ކުރަމުން ގޮސް ދުވާލަކު އެންމެ އާފަލެއްގެ މިންވަރު ވެސް ނުކައި ހުރިން. ފަހުން ވަރު ދެރަވެގެންގޮސް ނުހިނގޭ ވަރަށް ކަންތައް ދިޔަ،" ރަންދީޕްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި "ސަރަބްޖީތު" އަށް ތައްޔާރުވީ ގޮތް ކިޔައިދެމުން ބުނެފައި ވެއެވެ.

ނަމަވެސް މިގޮތަށް ހިކުމުގެ މަސައްކަތް ދެ ފަހަރު މަތިން ވެސް ރަންދީޕް ކޮށްފައިވަނީ އޭނާގެ ދައްތަ ޑރ. އަންޖަލީ ހޫޑާ ސަންގްވަންގެ އިރުޝާދުގެ ދަށުންނެވެ. ޑރ. އަންޖަލީ އަކީ އޮބޭސިޓީ، މެޓަބޮލިކް މެޑިސިން އެންޑް ކްލިނިކަލް ނިއުޓްރިޝަން ސްޕެޝަލިސްޓެކެވެ.