ޑައިރެކްޓަރު-ކޯރިއޮގްރާފަރު ރޭމޯ ޑިސޯޒާގެ އަންހެނުންގެ ހަށިގަނޑަށް ފާއިތުވީ ދެ އަހަރެއްހާ ދުވަސް ތެރޭ ގެނެސްފައިވާ ބަދަލުން އެންމެ އުފާވީ ރޭމޯ އެވެ. އޭނާ އިންސްޓްރާމް ސްޓޯރީގައި ޝެއާކުރި މެސެޖުން މިކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ. އާދިއްތަ ދުވަހު ރޭމޯ ޝެއާކުރި މެސެޖުގައި އަންހެން ލިޒޭލް ޑިސޫޒާ ބަރުދަން ލުއިކުރުމަށް ކުރި ދަތުރަށް ތައުރީފުކޮށްފައި ވެއެވެ.
ރޭމޯ ބުނި ގޮތުގައި ޑިސެމްބަރު 2018ގައި ލިޒޭލްގެ ބަރުދަނުގައި 108 ކިލޯ ހުއްޓެވެ. އަދި ސެޕްޓެމްބަރު 2021އާ ހަމަޔަށް ލިޒޭލްގެ ބަރުދަނުން 40 ކިލޯ ލުއިކޮށްލާފައިވާ ކަމަށް ރޭމޯ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ލިޒޭލް ބުނީ އަދިވެސް އޭނާ ބޭނުންވާ ވަރަކަށް ބަރުދަން ލުޔެއް ނުވެ އެވެ. އެހެންވެ އަދިވެސް މަސައްކަތް އޮތީ ކުރިޔަށެވެ. ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ހިކެން ކުރި މަސައްކަތަށް އާއިލާ އާއި އެކުވެރިންގެ ފަރާތުން ދިން ހިތްވަރާއި އެހީތެރިކަމަށް ލިޒޭލް ޝުކުރު އަދާކުރި އެވެ.
ހިކެން މަސައްކަތް ފެށި ގޮތް ކިޔައިދެމުން ލިޒޭލް ބުނީ ޖެނުއަރީ 2019ގައި އޭނާ ހިކުމަށް ކުރި ދަތުރުފެށީ އިންޓަމިޓެންޓް ފާސްޓިން އިން ކަމަށެވެ.
"އެންމެ ފުރަތަމަ ނުކައި ހުރީ 15 ގަޑިއިރު. ދެން މަޑުމަޑުން އިތުރު ކުރަމުން ގޮސް 18-20 ގަޑިއިރު ވެސް ނުކައި ހުރި. އަދި ޖޫންގައި ވެއިޓް ޓްރެއިނިން އާއި ޑައިޓް ކުރަން ފެށީ،" ލިޒޭލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ ހިކޭކަށް މީހުންނަށް ފާހަގަ ކުރެވެން ފެށީ ޖޫން 2019ގަ އެވެ. ނަސީބަކުން އެމީހުންގެ ގޭގައި ޖިމް އެއްގައި ހުންނާނެ ހުރިހާ ސާމާނު ހުރުމުން ލޮކްޑައުންގައި ވެސް ގޭގައި އިންޓަމިޓެންޓް ފާސްޓިން އާއެކު ވެއިޓް ޓްރޭނިން ވެސް ކުރިޔަށް ގެންދަން ފުރުސަތު ލިބުނު ކަމަށް ލިޒޭލް ބުންޏެވެ.
ލިޒޭލްގެ ބަރުދަން ލުއިކުރުމުގެ ދަތުރުގައި އެންމެ ބޮޑު ހުރަހަކަށް ކުރިމަތިވީ ރޭމޯ ކުއްލިއަކަށް ބަލވީމަ އެވެ. ހިތުގެ މައްސަލަތަކެއް ދިމާވެ މިދިޔަ އަހަރުގެ މެދުތެރޭގައި ރޭމޯ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. އެ ދުވަސްވަރު އޭނާ މާ ބޮޑަށް ސްޓްރެސްވުމާއި ކެއުމާއި ކަސްރަތަށް ފަރުވާ ކުޑަ ކުރެވުމުގެ ސަބަބުން ހަ ކިލޯ އިތުރުވީކަމަށް ލިޒޭލް ބުންޏެވެ.
ބަރުދަން ލުއިކުރަން ސާޖަރީ ހަދަން ވެސް ލިޒޭލް ޚިޔާލު ކުރި އެވެ. ނަމަވެސް ފަހުން ޚިޔާލު ބަދަލުވީ އެވެ. ދެ ފަހަރަށް ސިޒޭރިއަން ހަދާފައި ހުރުމުން ސާޖަރީ ހެދިޔަސް، ބަނޑުބޮޑުވުމުގެ ކުރީގައި ހުރި ހަށިގަނޑު އަނބުރާ ނުލިބޭނެކަމަށް ޔަގީން ކޮށްފަ އެވެ.
ކޮންމެ ގޮތެއް ވިޔަސް މިވަރުގެ ބުރަ މަސައްކަތެއް މީހަކަށް ކުރެވޭނީ ވަރަށް ހިތްވަރާއި އަޒުމް ހުރީމަ އެވެ. މިކަމަށް ލިޒޭލް ކުރި މަސައްކަތް އެންމެ ގާތުން ފެންނާނީ ރޭމޯ އަށެވެ. ވީމާ އޭނާއަށް އަންހެނުންގެ ހިތްވަރަށް ތައުރީފުނުކޮށް ނުހުރެވުނީ އެވެ.