ބޮލީވުޑް

ބޮލީވުޑަށް ފިޓްވާން ރަކުލް ޕްރީތު އުޅެން ޖެހުނު ގޮތް

ބޮލީވުޑް ބަތަލާ ރަކުލް ޕްރީތު ސިންގަކީ މިހާރު ވަރަށް ބާރަށް އަރަމުން އަންނަ ތަރިއެކެވެ. ނަމަވެސް ރަކުލް ބޮލީވުޑަށް ވަންނަ ހިތުން ކުރި ދަތުރަކީ އެހާ ފަސޭހަ ދަތުރެއް ނޫނެވެ. އެ ދަތުރުގައި އޭނާއަށް މޮޔައިން ކުރާ ކަހަލަ ކަންތައްތައް ވެސް ކުރަން ޖެހުނު ކަމަށް މިހާރު އޭނާ އެއްބަސްވެ އެވެ.

ޝިލްޕާ ޝެޓީ ކުންދްރާގެ ޗެޓް ޝޯ "ޝޭފް އޮފް ޔޫ" ގައި ވާހަކަ ދައްކަމުން ރަކުލް ބުނި ގޮތުގައި ހިންދީ ފިލްމު ކުޅޭހިތްލެއް ބޮޑަސް އޭނާގެ ކެރިއަރު ފެށީ ސައުތު އިންޑިޔާގެ ފިލްމުތަކުންނެވެ. އެގޮތުން އޭނާ ފުރަތަމަ ކުޅުނީ ކަންނާޑާ ފިލްމެކެވެ. ސައުތުގައި ރަކުލްއަށް ރަނގަޅު ކާމިޔާބެއް ލިބުނެވެ. ބޮލީވުޑަށް އަމާޒު ހިފީ އޭގެ ފަހުންނެވެ. ނަމަވެސް ސައުތު އިންޑަސްޓްރީ ގައާއި ހިންދީ ފިލްމު އިންޑަސްޓްރީގައި ވެސް ރަކުލް އަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ. ވަރަށް އުނދަގޫ ކަންކަމާ ކުރިމަތިލާން ޖެހުނެވެ.

"ޓޮލީވުޑް (ސައުތު ފިލްމު އިންޑަސްޓްރީ) ގައި މަސައްކަތްކުރަން ފެށުމުން މީހުން ކިޔަން ފެށި ހިކި ކަމުން ދަނޑިބުރިއެއް ހެންނޭ ހީވަނީ. ދެން ޖެހުނީ ފަލަވާން،" ރަކުލް ބުންޏެވެ.

އަނެއްކާ ބޮލިވުޑަށް ވަންނަން ބޭނުން ވުމުން ބަރުދަނަށް އިތުރުވީ ބައި ދުއްވާލަން ޖެހުނު ކަމަށް ރަކުލް ބުންޏެވެ،

"އަހަރެން މުމްބާއިއަށް އައިސް ފިލްމުތަކުގެ އޮޑިޝަންތަކުގައި ބައިވެރިވާން ފެށިއިރު އުމުރުން އެންމެ 20 އަހަރު. އޭރު އަހަރެން ކައިރީ އެންމެން ވެސް ބުނަނީ މާ ފަލަޔޭ. ހިކޭށޭ. އެހެންވެ 50 ދުވަސް ތެރޭ 10 ކިލޯ ހިއްކާލިން. އަހަރެން އޭރު ހިޔެއް ނުކުރަން އަހަރެން ފަލަ ކަމަކަށް. ނަމަވެސް 10 ކިލޯ ހިކުމުން އެނގުނު އޭރު ހަމަ ހަގީގަތުގައި ވެސް ފަލަކަން،" ރަކުލް ބުންޏެވެ.