ބޮލީވުޑް

ސަލްމާނާއި ސަންގީތާގެ ލޯބި ގާތް އެކުވެރިކަމަށް ބަދަލުވެފައި

ސަލްމާން ހާނާއި ސަންގީތާ ބިޖިލާނީ ލޯބީގެ ގޮތުން ގުޅިގެން 10 ވަރަކަށް އަހަރު އުޅެފައި ވެއެވެ. އަދި ކައިވެންޏަށް ވެސް ދެ މީހުން ވަރަށް ބޮޑަށް ތައްޔާރުވި އެވެ. ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހި ރުޅިވިއިރު ކައިވެނީގެ ދައުވަތު ކާޑުވެސް ވަނީ ބަހާފަ އެވެ. ފަހުން ސަންގީތާ ވަނީ އޭރުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އަޒްހަރުއްދީން އާ ކައިވެނި ކޮށްފަ އެވެ. އަދި މި ކައިވެނި ވަނީ 2010 ގައި ރޫޅިފަ އެވެ.

ސަލްމާނާއި ސަންގީތާގެ ލޯބީގެ ގުޅުން ކެނޑުނަސް އެމީހުންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމެއް ނުކެނޑެ އެވެ. ފާއިތުވީ ދުވަސްތަކުގައި ވެސް މި އެކުވެރިން ހަމަ އެގޮތުގައި ދެމި އެބައޮތެވެ.

މިކަމާ ގުޅޭ ގޮތުން ސަންގީތާ ބުނަނީ އެކުވެރިންނަށް ވީތީ އެ އެކުވެރިކަން އަބަދު ވެސް ބާއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ސަންގީތާ ބުނި ގޮތުގައި ސަލްމާން ނޫނީ އޭނާ ދަންނަ މީހުން ފިލްމު އިންޑަސްޓްރީގައި ވަރަށް މަދެވެ.

"މީނާކްޝީ ޝެޝާދްރީ އާ އަހަންނާ ވަރަށް ގާތް ގުޅުމެއް ކުރިން ވެސް އަދި މިހާރު ވެސް އޮވޭ. އެނޫން މީހުންނެއް މިހާރު އެހާ ބޮޑަކަށް ނޭނގޭ،" ސަންގީތާ ބުންޏެވެ.

ސަންގީތާ އާއި ސަލްމާންގެ އާއިލާގެ މީހުންނާ އަބަދު ވެސް ގާތް ގުޅުމެއް އޮވެ އެވެ. އެހެންވެ ސަލްމާންގެ ގެޔަށް ގިނަގިނައިން ގޮސް އުޅޭ މީހުންގެ ތެރޭގައި ސަންގީތާ މިހާރު ވެސް ހިމެނެ އެވެ. ނަމަވެސް ކުރީގައި އޮތް ލޯބީގެ ގުޅުން ދެ ވަނަ ފަހަރަށް ބަދަހި ކުރާކަށް ސަންގީތާ ވެސް ސަލްމާން ވެސް ބޭނުމެއް ނުވެ އެވެ.