ނެޝަނަލް ޕޭ ކޮމިޝަން

މުސާރައާބެހޭ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލު ކުރާނެ

ސިވިލް ސާވެންޓުންގެ މުސާރައާ ބެހޭ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލުކުރަން ފަށާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.

ޕޭ ކޮމިޝަނުން ބުނީ އެ އޮނިގަނޑުގެ މައްސައްކަތް މިއަހަރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. މި އޮނިގަނޑުގެ ތެރެއިން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލައި، އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެ އެވެ.

ޕޭ ކޮމިޝަނުން ބުނީ މުސާރައާބެހޭ އާ އޮނިގަނޑުގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށްވެސް އެކަށޭނަ މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

މި އޮނިގަނޑަކީ ދައުލަތުގެ ހުރިހާ ފަންނެއް އެކުލެވޭ ގޮތަށް އެކުލަވާލާ އޮނިގަނޑެކެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް ކުޑަވެގެން، އެމީހުން މިހާރު ދަނީ އިހުތިޖާޖު ކުރަމުންނެވެ.

ޕޭ ކޮމިޝަނުން އިތުރަށް ބުނެފައި ވަނީ މިނިމަމް ވޭޖް މިއަހަރު ކަނޑައަޅައި އިއުލާނު ކުރާނެ ކަމަށެވެ. މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އިގެ ހާލަތުގައި ވެސް ގިނަ ސިވިލް ސާވެންޓުންގެ މުސާރައަށް އެއްވެސް އުނިކަމެއް ނުގެންނަ އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 26،668 މުވައްޒަފުން ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރެ އެވެ.