މިނިމަމް ވޭޖް

މިނިމަމް ވޭޖަށްވާ އެލަވަންސް 11،828 މުވައްޒަފަކަށް ދެނީ

އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖް ދޭން ނިންމައި، ސިވިލް ސާވިސްގެ 11،828 މުވައްޒަފުންނަށް މިނިމަމް ވޭޖަށްވާ އެލަވަންސް ދޭން ނިންމައިފި އެވެ.

ސިވިލް ސާވިސްގެ 11،828 މުވައްޒަފުންނަށް މިނިމަމް ވޭޖް އެލަވަންސް ދޭން ނިންމިކަން އިއުލާންކުރީ ސިވިލް ސާވިސް އަދި ނެޝެނަލް ޕޭ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނާއި ޕޭ ކޮމިޝަންގެ ނިންމުމާ ގުޅިގެން 7،000 ރުފިޔާ އަށް ދަށުން މުސާރަ ލިބޭ އަށް ރޭންކެއްގެ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިނިމަމް ވޭޖް އެލަވަންސް ލިބޭނެ އެވެ.

މިނިމަމް ވޭޖް އެލަވަންސް ދޭ 11،828 ސިލިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން 5،928 މުވައްޒަފުންނަށް 1،500 ރުފިޔާއަށް ވުރެ މަތިން މިނިމަމް ވޭޖް އެލަވަންސް ލިބޭނެ އެވެ. އަދި 4،184 މުވައްޒަފުންނަށް 1،000 ރުފިޔާ އާއި 1،500 ރުފިޔާއާ ދެމެދުގެ އަދަދަކުން އެލަވަންސް ލިބޭނެ އެވެ. މީގެ އިތުރުން 1،286 މުވައްޒަފަކަށް 500 ރުފިޔާ އާއި 1،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެލަވަންސް ލިބޭނެ އެވެ. އަދި 430 މުވައްޒަފަކަށް އެލަވަންސްގެ ގޮތުގައި 500 ރުފިޔާއަށް ވުރެ ދަށުގެ އެލަވަންސެއް ލިބޭނެ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ އެކި މުވައްޒަފުންނަށް އެލަވަންސްގެ ގޮތުގައި ލިބޭނީ އެކި އަދަދު ކަމަށެވެ. މިނިމަމް ވޭޖްގެ ގޮތުގައި ލިބޭ ވަރު އޮފީސްތައް މެދުވެރިކޮށް އަންނަ މަހުގެ 15ގެ ކުރިން މުވައްޒަފުންނަށް އަންގަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އަންނަ މަހުގެ މުސާރައާ އެކު މިނިމަމް ވޭޖް ލިބެންޖެހޭ ހުރިހާ މުވައްޒަފުންނަށް ވެސް ލިބޭނެ،" ސައީދު ވިދާޅުވި އެވެ.

ނެޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އަހްމަދު ފައިޒަލް ވިދާޅުވީ މުސާރަތަކުގައި މިހާރުވެސް ބޮޑެތި ފަރަގުތަކަކާއި އަދި މައްސަލަތަކެއް ވެސް އުޅޭ ކަމަށެވެ. މައްސަލަތައް ހައްލުކުރުމަށް މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާރުވެސް އަޅުގަނޑުމެން އެކަމަށް މަސައްކަތްތަކެއް ކުރަމުން އެބަދަން،" ފައިޒަލް ވިދާޅުވި އެވެ.

މިނިމަމް ވޭޖް ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 750 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނަން ވެސް ނިންމާފައިވެ އެވެ.

ނެޝެނަލް ޕޭ ކޮމިޝަންގެ މެމްބަރު ފާތިމަތު ޝާނާ ފާރޫގް މިއަދު ވިދާޅުވީ މިނިމަމް ވޭޖާއެކު ކުރިން ލިބެމުން އައި މުސާރައިގެ ޖުމްލަ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"ކުރީގައި ދެމުން އައި އެއްވެސް އެއްޗަކަށް އުނިކަމެއް ނާންނާނެ. ދެން ހުރިހާ ބޭފުޅުންނަށްވެސް މިނިމަމް ވޭޖް ޔަގީންކުރުމަށްޓަކައި އިތުރު އެލަވަންސެއް މިދޭން ފަށަނީ. އެހެންވީމާ ކުރިން ދެމުން އައި އެއްވެސް އެލަަވަންސަކަށް ބަދަލެއް ނާންނާނެ،" ޝާނާ ވިދާޅުވި އެވެ.

ސަރުކާރުން މިދިޔަ މަހު ކަނޑައެޅި މިނިމަމް ވޭޖްގައިވާ ގޮތުން ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މުސާރައާއި ފިކްސްޑް އެލަވަންސްތަކާއެކު 7000 ރުފިޔާ ލިބޭނެ އެވެ.