ސިވިލްސާވިސް ކޮމިޝަން

ޕޭ ކޮމިޝަނުން ކަނޑައެޅުމުން މިނިމަމް ވޭޖު ދޭނަން: ސީއެސްސީ

Dec 22, 2021

ސަރުކާރުން އިއުލާންކުުރި މިނިމަމް ވޭޖާ އެއްގޮތަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް މިނިމަމްވޭޖް ކަނޑައެޅުމުގެ މަސައްކަތް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށް ސީއެސްސީން ބުނެފި އެވެ.

ސީއެސްސީގެ ނައިބް ރައީސް އިބްރާހީމް ރަޝީދު އަވަސްްއަށް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭނުންވާ ހުރިހާ މައުލޫމާތުތައް ހިމެނޭ ޑޭޓާތައް މިހާރު ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށާއި ޕޭ ކޮމިޝަނުން މުސާރަތައް ހަމަޖެއްސުމުން އެ މުސާރަަތައް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭން ފަށާނެ ކަމަށެވެ.

މިނިމަމް ވޭޖާއެކު މުސާރައިގެ ކުރިއެރުން ލިބޭނެ މުވައްޒަފުންގެ އަދަދާއި އެކަމަށް ކުރަން ޖެހޭ ހަރަދުތައް އަދި މުޅިން ޔަގީންނުވާ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

ސަރުކާރުން މިދިޔަ މަހު ކަނޑައެޅި މިނިމަމް ވޭޖްގައިވާ ގޮތުން ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މުސާރައާއި ފިކްސްޑް އެލަވަންސްތަކާއެކު 7000 ރުފިޔާ ލިބޭނެ އެވެ.

"މިހާރުވެސް އެބައުޅޭ މިސާލަކަށް ވަރަށް ދުވަސްވީ މަސައްކަތު މީހުން. އެމީހުންނަށް ލޯންގް ޓާމް އެލަވަންސާ ހުރިހާ އެއްޗެއް ލައިގެން އެބަ ޖެހޭ 7000 ރުފިޔާ. އެހެންވީމަ އަދި ނޭނގޭ ކިހާ މީހުންނަށް ކަމެއް މިނިވަމްވޭޖް ދޭން ޖެހޭނީ. ޕޭ ކޮމިޝަނުން ދޭން ނިންމާނީ ކޮން ބަޔަކަށް ކަމެއް އަދި ނޭނގޭ. ރިވިއުކުރަން ޖެހޭނީ. އެ ކޮމިޝަންގެ ނިންމުން އަޅުގަނޑުމެން ތަންފީޒުކުރާނީ" ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން މިދިޔަ އޮކްޓޫބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިނިމަމް ވޭޖާއެކު ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަށާއި މިނިމަމް ވޭޖު ތައާރަފްކުރުމަށް 500 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައި ވެއެވެ.

ސިވިލް ސާވިސްގައި މިވަގުތު 27،092 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.

މިނިމަމް ވޭޖްގެ ތެރޭގައި ހަމައެކަނި ހިމެނޭނީ މުވައްޒަފަކަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެވެ. އެއީ މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ އާއި، ރޯދަ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް ނުހިމަނަ އެވެ.