ރައްޔިތުންގެ މަޖިލިސް

ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ކުއްލި މައްސަލައެއް

Sep 20, 2021

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މިމައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމެވެ. ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްކުރީ 33 މެންބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވާފައި މިވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ގޮވާލައި ސިވިލް ސާވިސްގެ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާ ވަގުތެއްގަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން އަހްމަދު ހަލީމް ވިދާޅުވީ ސިވިލް ސާވިސްގައި އުޅޭ މުވައްޒަފުންނަށް މިއަދު ލިބެނީ ހަމަޖެހިގެން ދިރިއުޅެވޭ ވަރުގެ މުސާރައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ދައުލަތް ހިންގުމަށް އެންމެ ގިނަ މަސައްކަތް ކުރަމުން ގެންދާ ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށްވާތީ އެ މީހުންނަށް ރަނގަޅު މުސާރައެއްދީ ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

އެމްޑީޕީ އަކީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދެރަގޮތެއް ހަދާނެ ޕާޓީއެއް ނޫން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މަޖިލީހަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން އިއްޔެ ވަނީ ކަޅު ހެދުން ލައިގެން އޮފީސްތަކަށް ނިކުމެ އިހްތިޖާޖުކޮށްފަ އެވެ. އަދި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން މިއަދު ބައެއް ރަށްރަށުގައި ގެންދަނީ މަސައްކަތް ހުއްޓާލައިގެން ވެސް އިހްތިޖާޖު ކުރަމުންނެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހުށަހެޅުންތައް

  • ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދިނުން
  • ލިވިން އެލަވަންސް ހަމަޖައްސައިދިނުން
  • ވައުދާ އެއްގޮތަށް މިނިމަން ވޭޖު އަވަސް ކުރުން
  • ދަށް މުވައްޒަފުންގެ މުސާރަށް ހެޔޮ ބަދަލެއް ގެނައުން
  • ސުކްލު ތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަސްހުކުރައްވަމުން ގެންދަވާ ހުރިހާ މެންބަރުން ވެސް ގެންދަވަނީ އެ މައްސަލަ އަށް ތާއީދު ކުރައްވަމުންނެވެ. ސިވިލް ސާވިސްގެ މުސާރަތައް ބޮޑުކުރުމާއި އެކު އަވަހަށް މިނިމަމް ވޭޖު ކަނޑައެޅުމަށްވެސް މެންބަރުން ދަނީ ގޮވާލައްވަމުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 26،668 މުވައްޒަފުން ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރެ އެވެ.