އަޒްލިފް ރައޫފު

ބޮޑެތި ކުށުގެ ތުހުމަތުތައް ކުރެވޭ އަޒްލިފް މަރެއްނުވޭ؟!

Nov 29, 2015
4
  • އަޒްލިފް ދިޔަ ކަމަށް ބެލެވޭ ތިން ގައުމެއް އެބަ އޮތް
  • އަޒްލިފު މަރުވި ކަމަށް ސަރުކާރުން ގަބޫލެއް ނުކުރޭ
  • އަޒްލިފް ޖިހާދަށް ދިޔަކަމަށް ބުނި ފަހުން ލަންކާގައި އުޅުނު

މިނިވަން ނޫހުގެ ނޫސްވެރިޔާ 2013ގެ އޮގަސްޓް މަހު ވީނުވީ އެއް ނޭނގި ގެއްލުނު ފަހުން ދެ އަހަރާއި ދުވަސްކޮޅެއް ވަނީ އެވެ. މިވީހާ ދުވަހު ވެސް ރިލްވާނަށް ވީނުވީއެއް ނޭނގެ އެވެ. އެކަމަކު އޭނާ ހޯދަން ކުރެވޭ މަސައްކަތުގެ ތެރެއިން ބޮޑެތި ކަންތައްތަކެއްގެ ކުރި މިވަނީ ފަޅައިފަ އެވެ. މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހޯމް މިނިސްޓަރު އުމަރު ނަސީރު މީޑިއާއަށް ދޫކޮށްލެއްވި ވާހަކަތަކަކުން ރިލްވާން ގެއްލުނު މައްސަލައިގައި ބަޔަކު އޭނާ ވަގަށް ނެގީ ކަމަށް ބުނާ ތިއަރީގެ މައިގަނޑު ސަސްޕެކްޓަކީ، މީހުން މެރުމުގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ، ހ. ހިލްޓަން އަޒްލިފް ރައޫފު ކަން މި އޮތީ ފަޅާއަރައިފަ އެވެ.

ތިލަވެފައި ހުރި މައުލޫމާތުތަކުން މިހާތަނަށް ބުރަވެފައި އޮތީ، ސިފައިންގެ މީހަކަށް އުޅުނު، އަޒްލިފް ސީރިއާގެ ދާހިލީ ހަނގުރާމައިގައި، އައިއެސްއާ ގުޅި ހަނގުރާމަ ކުރަނިކޮށް މަރުވީ ކަމަށެވެ. އެކަމަކު އެކަމާ ގުޅުން ހުރި މައުލޫމާތުތައް އެއްކޮށްލުމުން އެ މަރާ މެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުސަތު މި އޮތީ ހުޅުވިފަ އެވެ. ތަހުގީގަށް އެއްކުރެވިފައި ހުރި މައުލޫމާތިތަސކަށް ބުރަވެ ހުދު މިނިސްޓަރު އުމަރު ވިދާޅުވަނީ އަޒްލިފް ރައޫފް މަރުނުވެ ހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ ކީއްވެ ހެއްޔެވެ؟

އަޒްލިފާ ބައްދަލުވި ބައެއް މީހުން

އަޒްލިފް ތުރުކީ މަގުން ސީރިއާއަށް އެތެރެވެ ހަނގުރާމައިގައި ބައިވެރިވިކަން މީޑިއާތަކުން ރިޕޯޓް ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެ ތާރީހުގެ ފަހުން، އެޕްރީލް މަހުގެ ތެރޭގައި އަޒްލިފްއާ ސްރީލަންކާ އިން ބައްދަލުވި ބައެއް މީހުން އެބަ ތިއްބެވެ. ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް، "އަވަސް" އާ މައުލޫމާތު ހިއްސާ ކުރި، އަޒްލިފްގެ ކުރީގެ އެކުވެރިއަކު ބުނި ގޮތުގައި އޭނާއާ އަޒްލިފްއާ ބައްދަލުވީ މައުންޓް ލެވޭނިއާ ބީޗުން އެއްރޭ ރޭގަނޑު އެވެ. އަޒްލިފްއާ އެކު ލަންކާގައި ތިބި އޭނާގެ އެހެން އެކުވެރިންތަކެއް ވެސް އެ ބައްދަލުވުމަށް ދިޔަކަމަށް އޭނާ ބުންޏެވެ. އަދި އެތަނުގައި އަޒްލިފާ އެކު މަޖާ ވަގުތުކޮޅެއް ހޭދަ ކުރި ކަމަށް އެނާ ބުންޏެވެ.

"އެރެއަށް ފަހު އަޒްލިފްގެ ހަބަރެއް ނުވެހުއްޓާ މަރުވި ވާހަކަ އަޑުއިވުނީ. އެ ރޭގެ ފަހުން އެއްވެސް ވަރަކަށް އޭނާގެ ހަބަރެއް ނުވޭ،" އޭނާ ބުންޏެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް އޭނާ ބުނި އެހެން މީހެއްގެ ފަރާތުން މައުލޫމާތެއް އެއްގޮތަކަށް ވެސް ސާފުވާ ގޮތެއް ނުވި އެވެ. އެކަމަކު އަޒްލިފް ސީރިއާއަށް ދިޔަ ކަމަށް ރިޕޯޓް ކުރި ފަހުން އޭނާއާ ލަންކާގައި އުޅުނުކަން ކަށަވަރުވެ އެވެ. އެހެން ނަމަވެސް އޭނާ އުޅެނީ އަސްލު ނަމުގައި ކަމެއް ކަށަވަރެއް ނޫނެވެ. އިތުބާރު ހުރި މަސްދަރަކުން ބުނެދިން ގޮތުގައި އަޒްލިފް ދިޔަ ގައުމަކަށް ގޮސްފައި ވަނީ ލަންކާއަށް އެތެރެވުމަށް ފަހު އެވެ. އިމިގްރޭޝަންގެ ރެކޯޑްތަކުން އަޒްލިފް ލަންކާއަށް އެތެރެވި ކަމަށް ކަށަވަރެވެ. ކުރިން ވެސް މައުލޫމާތު ދިން މަސްދަރުން ބުނި ގޮތުގައި ލަންކާއަށް އެތެރެވެ، އަޒްލިފް އޭނާގެ މުޅި އައިޑެންޓިޓީ ބަދަލު ކުރި ކަމަށް ބެލެވެ އެވެ.

"އެހެން ނަމެއްގައި މުޅިން އެހެން ޕާސްޕޯޓެއްގައި އަޒްލިފް އުޅޭ ކަމަށް ބެލެވިދާނެ. އެހެންވެ އޭނާ ހޯދަން މި އުނދަގޫ ވަނީ،" ފުލުހުންގެ ތަހުގީގުގެ މައުލޫމާތު އެނގި ހުރި ފަރާތަކުން ބުންޏެވެ.

މިހާރު ލިބިހުރި މައުލޫލާތުތަކަށް ބަލާއިރު އެއަށް ފަހު އަޒްލިފް ދިޔަ ކަމަށް ބެލެވެނީ ތިން ގައުމަކަށެވެ؛

  • ތުރުކީ
  • އަރުމޭނިޔާ
  • މެލޭޝިޔާ

އެހެން ވީމާ އަޒްލިފް ސީރިއާއަށް އެތެރެވި ކަމާ މެދު ވެސް މި އޮތީ ޝައްކެއް އުފެދިފަ އެވެ. ފުލުހުންގެ ތަހުގީގުތަކަށް ބިނާ ކޮށް ހޯމް މިނިސްޓަރު އުމަރު ވިދާޅުވަނީ އަޒްލިފް ސީރިއާގައި ހަނގުރާމައިގައި މަރުވި ކަމަށް ބުނަނީ އޭނާ ހޯދަން ފުލުހުން މަސައްކަތް ކުރާތީ އޮޅުވާލަން ކަމަށެވެ. އަޒްލިފް މެލޭޝިޔާގައި ހުރި ކަމަށް ތުހުމަތު ކުރެވެން ފެށީ މައުލޫމާތު އެނގި ހުރި ކަމާ ގުޅޭ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާއާ ގާތްގުޅުންތަކެއް އޮންނަ ބަޔަކު މެލޭޝިޔާ މަގުން ސީރިއާއަށް އެތެރެވާން އެކި ފަހަރު މަސައްކަތް ކޮށްފައިވުމެވެ. އަދި އެކަމުގެ މާސްޓަމައިންޑަކީ އަޒްލިފް ކަމަށް ފުލުހުން އޮތީ ޝައްކު ކޮށްފަ އެވެ. އެހެން ނަމަވެސް ފުލުހުންނަށް މިހާތަނަށް އޮތީ އަޒްލިފް އަތުލައިގަތުމަށް ލީޑެއް ނުހޯދިފަ އެވެ.

އަޒްލިފް މަރުވި ކަން ހާމަކުރީ އާއިލާއިން

އަޒްލިފް މަރުވިކަން ހަނގުރާމަވެރި އެއްވެސް ޖަމާއަތަކާ ގުޅުން ހުރި މީޑިއާއަކުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭގެ ކުރިން ވެސް އަދި އަޒްލިފްގެ ފަހުން ވެސް މަރިވި ބައެއް ދިވެހިންގެ ވާހަކަ އެކަމުގައި އެއްވެސް އާއިލާގެ އެކި ފަރާތްތަކުން ބުނަނީ އަޒްލިފް މަރުވި ކަމަށް އާއިލާއަށް ހަބަރު ދިނީ އޭނާއާ އެކު ހަނގުރާމަ ކުރި އެކުވެރިންތަކެއް އާއިލާއަށް ގުޅުމަށް ފަހު އެވެ.

ބޮމުގެ ހަމަލާއެއްގައި އަޒްލިފް މަރުވި ކަމަށް ބުނެ ފޮޓޯވެސް އާންމު ކުރީ އޭނާގެ އާއިލާގެ ބަޔެކެވެ. އޭނާ މަރުވި ހަބަރާ އެކު، އާއިލާއިން ވަނ އަޒްލިފް ހަނގުރާމަވެރިންގެ ހެދުމެއްގައި ބަޑި ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯތަކެއް ވެސް ނެރެފަ އެވެ. އެކަމަކު އެއީ ސީރިއާގައި ނަގާފައި ހުރި ފޮޓޯތަކެއް ކަމެއް ކަށަވަރެއް ނޫނެވެ. އެ ފޮޓޯތަކުގައި އަޒްލިފް ފެންނަނީ ކޮންމެވެސް ވަރަކަށް ގަސްހެދިފައިވާ ހިސާބެއްގައި ހުންނަ ތަނެވެ.

އެ ފޮޓޯތަކުގެ ސައްހަ ކަމާ މެދުވެސް ތަހުގީގުގެ މި ހިސާބުން ފުލުހުން މި އޮތީ ޝައްކު އުފައްދައިފަ އެވެ. ހަމައެކަނި އާއިލާގެ މީހުން އަޒްލިފް މަރުވި ކަމަށް ބުނުމަކީ ވެސް އޭނާގެ މަރު މުޅިން ސައްހަ ނުވާ ކަމެއް ކަމަށް ކުރިން ވެސް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި އެ ފޮޓޯތައް އާންމު ކުރި ވަގުތާއި އަޒްލިފް މަރުވި ކަމަށް ބުނި ވަގުތާ އެއްވަގުތަކަށް ވުމުން އަޒްލިފްގެ މަރު ފެބްރިކޭޓް ކޮށްފައިވާ ކަމަށް ބެލެވެ އެވެ. 

"ތުރުކީ ނޫނީ އަރުމޭނިޔާ މި ހިސާބުތަކުގެ ރަށްބޭރު ހަމަ ވަރަށް ވައްތަރުވާނެ ސީރިޔާއާ. އެހެން ވީމާ ފޮޓޯއެއް އެގޮތަށް ނެގުމަކީ އުނދަގޫ ކަމެއް ނޫން. ސަރައުންޑިން ވަރަށް ވައްތަރުވާނެ ހަމަ ސީރިޔާއާ. ފޮޓޯއަކުން އެކަން ކަށަވަރެއް ނުކުރެވޭނެ. އަނެއްކާ އެވަރުގެ ހަނގުރާމައިގެ މައިދާނެއްގައި އެގޮތަށް އެހާ ބައިވަރު ފޮޓޯ ފޮނުވުން ނުވާނެ އެހާ ފަސޭހަކަމަކަށް،" އޮފިޝަލް ވިދާޅުވި އެވެ. "މިކަންކަން މިއައި ގޮތުން އެތައް ކަމެއް އޭގައި ޝައްކުވާ ކަންކަން އެބަހުރި،"

އެ މައްސަލައިގެ ހަގީގަތް އަޒްލިފްގެ އާއިލާއަށް އިނގޭނެ ކަމަށް ބަލައި އޭނާގެ ކޮއްކޮ އާއި އެހެން ވެސް ބަޔަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ. އާއިލާގެ ފަރާތުން އަޒްލިފްގެ މަރާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދަން ވެސް މަސައްކަތް ކުރެވުނެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް އަޒްލިފްގެ އާއިލާއާ ގާތްފަރާތަކުން ބުނި ގޮތުގައި އަޒްލިފްގެ މަރުގެ ވާހަކަތަކަށް ފަހު ވެސް އެ އާއިލާގެ ތެރެއިން އެއްވެސް ނުތަނަވަސްކަމެއް ފެނިފައެއް ނުވެ އެވެ. އެ އާއިލާގެ އެއްވެސް މެންބަރަކު އެކަމާ ވާހަކަ ވެސް ދައްކަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އަޒްލިފް އާއިލާގެ ބައެއް މެންބަރުންނާ ވާހަކަ ވެސް ދައްކާ ހަދަ އެވެ. އެކަމަކު އެއީ އަދި ކަށަވަރު މައުލޫމާތެއް ނޫނެވެ. 

އަޒްލިފަށް ވީގޮތުގެ ހަގީގަތް ހޯދުމަށް އޮތް ހަމައެކަނި ލީޑަކީ އާއިލާގެ ތެރެއިން އަޒްލިފްގެ މައުލޫމާތުތައް ހޯދުން ކަމަށް ފެނެ އެވެ.

ރިލްވާން މައްސަލައާ ސީރިއާ ހަނގުރާމަޔާ ގުޅުވުން

ރިލްވާން ފިލައިގެން ސީރިއާޔަށް ގޮސް ކުރުދީ ހަނގުރާމަވެރިންނާ ގުޅިގެން އައިއެސްއާ ދެކޮޅަށް ހަނގުރާމަކޮށް މަރުވެފައިވާ ކަމަށް ދެއްކުމަށް ބަޔަކު ވަނީ ފޭކް ވެބްސައިޓެއް ހަދައި ހަބަރިތަކެއް ފަތުރަން ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ކަންތައްގަނޑުގެ ޓައިމްލައިނަށް ބަލާއިރު އަޒްލިފް މަރުވި ކަމަށް ބުނާ ދުވަސްވަރާ އެކަމާ ވަރަށް ބޮޑަށް ގުޅުން އެބަ އޮތެވެ. ބަޔަކު އަޑީގައި ތިބެގެން ރިލްވާން ފިލައިގެން ގޮސް ހަނގުރާމަ ކޮށްގެން މަރުވި ކަމަށް ދައްކަން ޖެހޭ ސަބަބެއް ނެތެވެ. އަދި އަޒްލިފް މަރުވި ހަބަރު ހާމަވީ ވެސް ހަމަ އެ ދުވަސްވަރު އެވެ. އެހެން ވީމާ އޮފިޝަލް ވިދާޅުވި ގޮތުގައި މިއީ އިއްތިފާގެއްގެ ގޮތުގައި ބަލަން ވަރަށް ވެސް ދައްޗެވެ. އެހެން ވީމާ މި މައްސަލައިގެ ކޮޅު އަނބުރާލުމަށް ބަޔަކު ގަސްތުގައި ވާހަކަތަކެއް ފެބްރިކޭޓް ކުރަމުން އައިސްފައިވުމުން އަޒްލިފްގެ ވާހަކަ އަކީ ވެސް މިގޮތަށް ހެދި ފޭކު ވާހަކައެއް ކަމަށް ބުނުމުގެ ޖާގަ މި އޮތީ ވަރަށް ވެސް ބޮޑުވެފަ އެވެ.

އަޒްލިފަކީ ޖަރީމާތަކުގެ މާސްޓާ މައިންޑެއް

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ އަޒްލިފަކީ ބޮޑެތި ކުށްތައް ރާވައި ސީދާ އެކަންކަން ހިންގައި އެކަމުގެ ފައިސާގެ މުއާމަލާތްތައް ހިންގާ މީހެއް ކަމަށް ޝައްކު ކުރެވޭ އިރު، އަޒްލިފަށް މިވަރުގެ ކަމެއް ކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަފްރާޝީމްގެ މަރާލުމުން މުޅި ޕްލޭން ރާވައި އޯޑަރުތައް ދިން މީހަކީ ސީދާ އަޒްލިފް ކަމަށް ތަހުގީގުގައި އޮތީ ތުހުމަތުކޮށްފަ އެވެ. އެކަމަކު އޭނާ އެކަން ކޮށްފައި ހުރިލެއް މޮޅުކަމުން ހެއްކެއް ނުޙޯދި އޭނާ އެންމެ ފަހުން ސަލާމަތްވަނީ އެވެ. އަޒްލިފް އަކީ އަސްކަރީ ތަމްރީން ލިބިހުރި މީހަކަށް ވުމުން މިކަހަލަ ކަންކަން ރޭވުމުގެ އާންމު މައުލޫމާތު އޭނާގެ ހުންނާނެ އެވެ.

މީގެ އިތުރަށް އަފްރާޝީމްގެ މައްސަލައިގައި އަޒްލިފް ހައްުޔަރުކޮށް ސިފައިންގެ ވަޒީފާއިން ވަކި ކުރުމުގެ ކުރުން ވެސް މީހެއްގެ މަރުގެ މައްސަަލައިގައި ތުހުމަތުތަކެއް ކުރެވި ތަހުގީގު ވެސް ކުރެވިފައި ހުއްޓެވެ. އަދި އަޒްލިފާއި ސިޔާސީ ފަރާތްތަކާ ގުޅުން ބޮޑުކަން ހާމަވީ ވެސް، އޭރު ނުފޫޒު ގަދަ ޖޭއެއްސީގެ އެއް މެންބަރު ރޭނިސް އަހުމަދު ސަލީމު ބުނެގެން އަޒްލިފް ބަޔަކު ފޮނުވައި ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގަ އެވެ. ރިލްވާންގެ މައްސަލައިގައި ފުލުހުން ބަލައި ފާސްކުރީ ކާރަކީ ވެސް އަޒްލިފްގެ ނަމުގައި އޮތް ކާރެއްކަން އޮތީ ހާމަވެފަ އެވެ. މި ހުރިހާ ކަމެއް ޖުމްލަކޮށްލާ އިރު އަޒްލިފަކީ އެންމެ މަތީ ދަރަޖައިގެ ޖަރީމާތައް ހިންގޭނެ ފެންވަރުގެ ހުރިހާ އުކުޅަކާއި ރިސޯސްއެއް ހުރި މީހެކެވެ. އެހެން ވީމާ ހޯމް މިނިސްޓަރު އެ ވިދާޅުވާ ގޮތަށް، މަރުވީ ކަމަށް ބުނެ، ފިލައިގެން އަޒްލިފަށް އުނދަގޫ ކަމެއް ނޫނެވެ.