ކަނޑުމަތީގެ ހާދިސާ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި

Sep 20, 2021

ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލައިފި އެވެ.

ސިމެންތި ބަރުކޮށްގެން މި ކޮޅުވެއްޓި ދަތުރުކުރަމުން ދިޔައީ މާލެ އިން ފުރައިގެން ޅ. މާބިންހުރައަށެވެ. މިއީ ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެއް ކަމަށް ސިފައިންގެއިން މައުލޫމާތު ދެއެވެ.

ދެ ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި ތިބީ ބަންގްލަދޭޝްގެ ތިން ފަޅުވެރިންނާއި ދިވެއްސެކެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ސިފައިންގެ އިން މައުލޫމާތު ދެއެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލައިފައި ވަނީ ޅ. މާފިލާފުށި ކައިރިންނެވެ.

ސިފައިންގެއިން ބުނީ ބަންޑުން ޖަހައިލި ކޮޅުވެއްޓިއަކީ 35 ފޫޓުގެ އުޅަނދެއް ކަމަށެވެ. މީތި ބަންޑުން ޖަހައިލައިފައި ވަނީ ރޭ ދަންވަރު 2:45 ހާއިރު އެވެ. މިއަދު ހެނދުނު 6:51 ހާއިރު މި އުޅަނދު ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.