ސިވިލް ސާވިސް އަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވިފައި ތިބި މުވައްޒަފުން ބޭނުންވާނަމަ ދައުލަތުގެ އެހެން އިދާރާތަކަށް ބަދަލުވުމަށް ފުރުސަތު ދޭން ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސިވިލް ސާވިސް އަށް ހިދުމަތް ކުރުމަށް ބޮންޑް ކުރެވިފައިވާ މުވައްޒަފުން ދައުލަތުގެ އެހެން އިދާރާއެއްގެ މަގާމަކަށް ބަދަލުވުމަށް އެދޭނަމަ ބޮންޑްގައި މަސައްކަތް ކުރާ ގޮތަށް މިހާރު ބަދަލުވެވޭނެ ކަމަށެވެ.
ބަދަލުވާން އެދޭ ހާލަތުގައި އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން އިއުތިރާޒު ނުކުރާނަމަ ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާ އަކަށް އެފަދަ މުވައްޒަފަކަށް ބަދަލުވެވިދާނެ ކަމަށްވެސް ސާކިއުލާގައިވެ އެވެ.
"އެގޮތުން މުވައްޒަފު އަދާކުރަމުން ދިޔަ ސިވިލް ސާވިސްގެ ވަޒީފާއިން ވަކިވެ، ދައުލަތުގެ އެހެން އިދާރާ އަކަށް ބަދަލުވާއިރު ސިވިލް ސާވިސް އަށް ހިދުމަތްކުރުމަށް އެއްބަސްވެފައިވާ މުއްދަތަށް ހިދުމަތް ކުރުމަށް ބޮންޑު ބަދަލުކުރެވޭނެ އެވެ." ސީއެސްސީގެ ސާކިއުލާގައިވެ އެވެ.
ސިވިލް ސާވިސް އަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވިފައި ތިބި މުވައްޒަފުންނާ ގުޅޭ ސާކިއުލާއެއް އާންމުކޮށްފައި މިވަނީ ސިވިލް ސާވިސްގެ މުސާރަތައް ބޮޑު ކުރުމަށް ގޮވާލައި ސިވިލް ސާވިސްގެ މުވައްޒަފުން އިއްޔެ އިން ފެށިގެން އިހްތިޖާޖު ކުރަމުންދާ ވަގުތެއްގަ އެވެ.
ބައެއް ރަށް ރަށުގައި ސިވިލް ސާވިސްގެ މުވައްޒަފުން ވަނީ ސަރުކާރު އިދާރާތަކުގައި މަސައްކަތް ހުއްޓާލާފަ އެވެ.
ސަރުކާރުން މިއަދު ބުނެފައިވަނީ ސިވިލް ސާވިސްގެ މުސާރައިގެ އާ އޮނިގަނޑާ އެކު މުސާރަތަކުގެ މައްސަލަ އަށް އެދެވޭ ރަނގަޅު ހައްލުތަކެއް ލިބޭނެ ކަމަށެވެ.