ގާނޫނުން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލު ކުރުމަށް ސިވިލް ސާވިސް މުވައްޒިފުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މުސާރައިގެ މައްސަލާގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާތީ އެވެ. ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނުން ވަނީ މަސައްކަތް ހުއްޓާލައިގެން މުވައްޒިފުން އިހުތިޖާޖުި ފަށާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން މަަސައްކަތް ކުރަނީ މުވައްޒިފުންގެ ހައްގުތައް ރައްކާތެރިކޮށްދީ މުވައްޒިފުންގެ އަޑުއަހައި މުވައްޒިފުންނާ ގާތުން މަސައްކަތް ކުރުމަށެވެ.
މިހާރަކަށް އައިސް އެކި ނަންނަމުގައި ވަކި ބަޔަކު ނޭންގޭ ގޮތަށް ކޮމިޝަންގެ "ލޯގޯ" ބޭނުން ކޮށްގެން ސިވިލް ސާވިސްގެ މުވައްޒިފުންގެ ހައްގުތައް ދިފާއުކުރުމަށްޓަކައި ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށް ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނަކީ ރަޖިސްޓްރީވެފައިވާ ޖަމިއްޔާއެއްވެސް ނޫން ކަމަށެވެ. އަދި އެ ޖަމިއްޔާގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
"ސިވިލްސާވިސް މުވައްޒިފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލްސާވިސް ކޮމިޝަންގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ހިނދު، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގައިވެސް ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑޭ ގޮތަށް އަމަލު ކުރުމަށް ސިވިލްސާވިސްގެ ހުރިހާ މުވައްޒިފުންނަށް ކޮމިޝަނުން ނަސޭހަތްތެރިވަމެވެ،" ކޮމިޝަންގެ ބަޔާނުގައިވެއެވެ.