އަލީ ވަހީދު

ފުލުހަށް ހާޒިރު ކުރި ރޭ އެއްވެސް ސުވާލެއް ނުކުރޭ: އަލީ ވަހީދު

ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި އެ މައްސަލައާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު މިހެން ވިދާޅުވީ ޔޫކޭގައި ހުންނަވާ ނޫސްވެރިންނާއެކު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލްވުމުގައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ތުހުމަތާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވުނު ނަމަވެސް ފުލުހަށް ހާޒިރުކޮށް ބަޔާނެއް ނެގީ އޭގެ 19 ދުވަސް ފަހުންނެވެ. އޭގެ ކުރީން ޖުލައި 11، 2020 ގައި އަލީ ވަހީދު އުޅުއްވާ ގެ ބަލައި ފާސް ކޮށް ބައެއް ތަކެތި ފުލުހުން ގެންދިޔަ އެވެ. އަލީ ވަހީދަށް ކުރެވުނު ބޮޑެތި ތުހުމަތުތަކާއި ގުޅޭގޮތުން އޭނާ ފުރަތަމަ ވާހަކަ ދެއްކެވީ ވެސް ޖުލައި 19، 2020 ގައި ފުލުހަށް ހާޒިރު ކުރުމުންނެވެ.

އެ ރޭ މީޑިއާއިން ކުރި ހުރިހާ ސުވާލަކަށް ވެސް އޭނާ ޖަވާބު ދެއްވިއެވެ. ވިދާޅުވި ގޮތުގައި އެއީ "އުފައްދާފައިވާ ތުހުމަތެ" ކެވެ. "ހިންގަން އުޅެނީ ބޮޑު ޖަރީމާ" އެކެވެ. ފަހަތަށް ޖެހި ވަޑައި ނުގެން ޝަރީއަތާ ކުރިމަތިލައްވާނެ އެވެ. ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް އިންސާފު ލިބިގެން ދިއުން. އިރާދަފުޅުން އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތު ވެގެން ވެސް ދާނެ. މިދުވަސް ވެސް ހިނގައިދާނެ، އަބަދަކު ތޫފާނުގެ ވައި މިހެން ނުހުންނާ،" ޖުލައި 19، 2020 ގައި ފުލުސް ކުރިމަތީން އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އަލީ ވަހީދު ވިދާޅުވީ އެރޭ ފުލުހަށް ހާޒިރު ކުރި ނަމަވެސް ތުހުމަތުތަކާއި ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އެކަން އެރޭ ވަކީލުންގެ ގޮތުގައި ވަޑައިގެންނެވި ވަކީލު ހަސީން އާއި ވަކީލު ޝާއިރުއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޖުލައި 12، 2020 އިން ފެށިގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ހަތް ދައުވާއެއް އުފުލަން ކޯޓަށް ފޮނުވީ ނޮވެންބަރު 18، 2020 ގައެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ. މިއީ މި ފަހުން ސިޔާސީ ބޭފުޅެއްގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރި ފުރަތަމަ ފަހަރެވެ. (ތަފްސީލް އަންނަނީ)