ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ގުޅުމެއް ބޭއްވެވި ކަަމަށް ހީފުޅުކުރައްވާ ބައެއް ބޭފުޅުން އަމަލު ކުރައްވަނީ ވަރަށް ޒާތީކޮށް ކަމަށް ވިދާޅުވެ އެފަދަ ގުޅުމެއް އޮތްތޯ ބެއްލެވުމަށް އަލީ ވަހީދު އެދިވަޑައިގެންފި އެވެ.
ޔޫކޭގެ ފުލުހުންގެ ބަންދުގައި ޖަލެއްގައި 16 ދުވަހު ހުންނެވުމަށް ފަހު މިނިވަންވެވަޑައިގެންނެވި ފަހުން މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު "ފްރޭމް" ކޮށްފައިވާ ކަމަށާ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ.
އަދި އަސާސެއް ނެތް ތުހުމަތުތައް ކުރެއްވުމުގައި މިއަދު އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ކުރީގެ ވަޒީރު އަނީސާ އަހުމަދު ކަމަށް ވިދާޅުވިއެވެ. އަނީސާ ބޭރަށް ނެރުއްވައިގެން އުޅުއްވަނީ ރައީސް މައުމޫން ކަމަށް ސިފަކޮށް އަލީ ވަހީދު ވަނީ އޭނާ ޑީއާރުޕީގައި ހުންނެވި ދުވަސްވަރު ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ގުޅުމެއް ބޭއްވެވި ކަމަށް މައުމޫން ހީފުޅު ކުރައްވާ ކަމަށެވެ.
އަލީ ވަހީދު ވަނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ އެފަދަ ގުޅުމެއް ދުވަހަކުވެސް ނުބާއްވަވާ ކަމަށެވެ. ދުންޔާ އަރިހު އެ ވާހަކަތައް އެއްސެވުމާއި ދުންޔާ އިސްވެ އެ ތުހުމަތުގެ ހަގީގަތް ހާމަކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އޭގެ ފަހުން ވިދާޅުވީ ރައީސް މައުމޫނާއި ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވީ ނަމަވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް އިހުތިރާމު ކުރައްވާ ކަމަށެވެ. އަދި އަނީސާއަށް ވިދާޅުވީ "ތަންދޮރު ނުބައްލަވާ" ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
އަލީ ވަހީދުގެ ސިޔާސީ ކެރިއަރު ފެއްޓެވީ ރައީސް މައުމޫންގެ ޑީއާރުޕީން އިންނެވެ. އަލީ ވަހީދުގެ ސިޔާސީ ތަރި "އެރުމުގައި" މައުމޫންގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. އަލީ ވަހީދާއި ދުންޔާއާ ގުޅުމެއް އުފެދުނު ކަމަށް ބުނެ އަބަދުވެސް ވާހަކަތައް އޮވެއެވެ. އެ މައްސަލާގައި މީގެ ކުރީން އެ ދެ ބޭފުޅުންވެސް އެެއްވެސް ވާހަކައެއް ނުދައްކަވައެވެ.