ރައީސް މައުމޫން އަބްދުލްގައްޔޫމް

ޖިންސީ ގޯނާއަށް ފިޔަވަޅު ނޭޅޭތީ މައުމޫންގެ ކަންބޮޑުވުން

ޖިންސީ ގޯނާގެ މައްސަލަަތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީ ޓެގް ކުރައްވައި މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާންޖެހެނީ ހަމައެކަނި އަންހެނުން އެކަނި ނޫން ކަމަށެވެ.

މައުމޫން އެފަދައިން ވިދާޅުވިކަމަށް ބެލެވެނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް އޭނާ ފުރައިގެން ދިޔަ ހާދިސާއަށް އިޝާރާތްކޮށެވެ. އަލީ ފުރައިގެން ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން ނެވެ.

"..އެފަދަ ނުބައި އަމަލުތަކާމެދު އިސްލާމްދީނުގެ މާތް އުސޫލުތަކަށާއި އިންސާނީ ހައްގުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ،" ޖިންސީ ގޯނާގެ މައްސަލަތަކަށް އިޝާރާތް ކުރައްވާ ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު މައުމޫން ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ބުނަމުން ދަނީ އަލީ ވަހީދުު ފުރައިގެން ދިޔައީ ސަރުކާރަށް ނޭނގި ކަމަށެވެ. އަދި އަލީ ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފްކުރުމާ މެދު ގޮތެއް ނުނިންމާވެސް އުޅެނިކޮށް ކަމަށް ބުނެ އެވެ.

އަލީ ވަހީދު "ފުރުވާލި" ކަަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު ސިޔާސީ އެތައް ބޭފުޅުންނަކާއި މަދަނީ ޖަމިއްޔާތަކުންވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މައުމޫން ސަރުކާރުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި އަނީސާ އަހުމަދުވެސް ވިދާޅުވީ ސަރުކާރުން ކަންކުރި ގޮތަކީ ޖިންސީ ފުރައްސާރަކުރާ މައްސަލަތައް ރިޕޯޓްކުރަން އެޅުނު ހުރަހެއް ކަަމަށެވެ.