ކުޅިވަރު

ޕޮމިސް ކަޕް: ދަގަނޑޭ އަށް ހާއްސަ މުބާރާތެއް

ދެހާސް އެއްވަނަ އަހަރު ޕޮމިސް ކަޕްގައި، އޭރު އުމުރުން 16 އަހަރުގެ އަލީ އަޝްފާގް (ދަގަނޑޭ) ކުޅުނުއިރު، ދަގަނޑޭ އަކީ ދިވެހި ފުޓްބޯޅަ އަށް "އިންގިލާބެއް" ގެންނާނެ ކުޅުންތެރިއެއް ކަމަށް ހީކުރާނީ މަދު ބަޔެކެވެ. އެއީ ދަގަނޑޭގެ ކެރިއަރުގެ ފެށުމެވެ.އެ އަހަރުގެ ޕޮމިސް ކަޕްގައި ވިކްޓަރީ ކޮޅަށް ދަގަނޑޭ ވަނީ ކެރިއަރުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. މިހާރު ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުންދާ ދަގަނޑޭ ވަނީ އޭގެ ފަހުން ދިވެހި ފުޓްބޯޅައިގެ އެތައް ރެކޯޑެއް މުގުރާލައި، ސަރަހައްދީ ގައުމުތަކުން ޖެހިލުންވާ ފެންވަރުގެ ކުޅުންތެރިއަކަށްވެފަ އެވެ.

އެގާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޕޮމިސް ކަޕް މި އަހަރު އަލުން ބާއްވަން އެފްއޭއެމް އިން ނިންމާފައިވާއިރު، ދަގަނޑޭ އަށް ވަނީ އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު އަނެއްކާ ވެސް ލިބިފަ އެވެ. މި މަހުގެ 22 ވަނަ ދުވަހު ފަށާ މުބާރާތުގައި ދަގަނޑޭ މިހާރު ކުޅެމުންދާ ޕީޑީއާރްއެމް ވާދަކުރާނެ އެވެ. ނިއު ރޭޑިއަންޓާއި މާޒިޔާ އަދި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސް ވެސް މި މުބާރާތުގައި ވާދަކުރާނެ އެވެ.

"އަވަސް" އަށް ދިން ހާއްސަ އިންޓަވިއުއެއްްގައި ދަގަނޑޭ ،29، ބުނީ ޕޮމިސް ކަޕަކީ އަބަދު ވެސް އޭނާ އަށް ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ.

"ޕޮމިސް ކަޕް ވެގެންދާނީ އަޅުގަނޑުގެ ކެރިއަރުގައި އަބަދު ވެސް ވަރަށް މުހިންމު މުބާރާތަކަށް. އެއީ އަޅުގަނޑުގެ ކެރިއަރު ފެށުނީ އެ މުބާރާތުން. އަދި ފުރަތަމަ ލަނޑު ވެސް ޖެހީ އެ މުބާރާތުން،" ދަގަނޑޭ ބުންޏެވެ.

ނިއު ރޭޑިއަންޓް އަށް 2013 ވަނަ އަހަރު ކުުޅުމަށް ފަހު، ޕީޑީއާރްއެމް އަށް ބަދަލުވެ، ދަގަނޑޭ ވަނީ އެ ކްލަބުގައި ވެސް ވިދާލައިފަ އެވެ.

މިދިޔަ އަހަރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕީޑީއާރްއެމް މެލޭޝިއާގެ ފުރަތަމަ ޑިވިޝަން ޕްރޮމޯޓްކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރި އެވެ. މީގެ އިތުރުން މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި މެލޭޝިއާ ކަޕްގެ ސެމީ ފައިނަލާ ހަމައަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި ދަގަނޑޭ ހިއްސާބޮޑެވެ. މިދިޔަ ސީޒަންގައި ޕީޑީއާރްއެމް އަށް 22 ލަނޑު ޖަހައިދިން ދަގަނޑޭ ވަނީ ޕީޑީއާރްއެމްގެ ކޮންޓުރެކްޓް ދެ އަހަރަށް އާކޮށްފަ އެވެ. މިދިޔަ ސީޒަންގައި ޕީޑީއާރްއެމްގައި ދަގަނޑޭ ދެއްްްކި މޮޅު ކުޅުމާއެކު، އޭނާ އަށް ވަނީ މެލޭޝިއާގެ ފުޓްބޯލް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމު މި އަހަރު ލިބިފަ އެވެ.

ދަގަނޑޭ ބުނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ރާއްޖޭގެ ކްލަބު މުބާރާތެއްގައި، ގަލޮޅު ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް އުފަލެއް ކަމަށެވެ.

"ގިނަ ދުވަސްތަކަކަށް ފަހު ގަލޮޅު ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް ކްލަބް މުބާރާތެއްގައި. މެލޭޝިއާ ލީގު ފެށުމުގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅެން އެބަޖެހޭ. އެހެންކަމުން މި މުބާރާތުން ޕީޑީއާރްއެމް އަށް ވެސް ފައިދާވާނެ،" ދަގަނޑޭ ބުންޏެވެ.

ދަގަނޑޭ ބުނީ ޕީޑީއާރްއެމްގެ އަމާޒަށް ވާނީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

"މުބާރާތް ކާމިޔާބުކޮށްފި ނަމަ އެއީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް،" ދަގަނޑޭ ބުންޏެވެ.