ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް ޝަރަފަކަށް ފަހު ޝަރަފެއް

Sep 21, 2021
2

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ. ރާއްޖެ އިން ގައުމުތަކާއި އެކު ބާއްވަމުން އައި ހަރުދަނާ ހާރިޖީ ގުޅުންތައް އޮތީ މުޅިންހެން ކެނޑިފަ އެވެ. ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބައެއް ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އޮތީ ދީފަ އެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވީ ދުނިޔޭގެ ކުރިމަތީގައި ގެއްލިފައި އޮތް ރާއްޖޭގެ ރީތި ނަން ރީތި ކުރުމުގެ މަސައްކަތެވެ. ފެއްސާއި ރަތާއި ހުދުގެ ދިދަ އަށް ހައްގުވާ ފަހުރާއި ޝަރަފް ހޯދައިދިނުމުގެ މަސައްކަތެވެ. ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެކު އަލުން ގުޅުންތައް އުފައްދާ ވަރުގަދަ ކުރުމުގެ ބުރަ މަސައްކަތެވެ. އެ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން ވަރަށް ފުރިހަމަ އަށް ކުރެއްވި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާ އިންނާއި ވަކިން ހާއްސަކޮށް އދ. ގައި ރާއްޖޭގެ ނަން މިއަދު ވަނީ ގުގުމާލާފަ އެވެ.

ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ ޝަރަފް

ރާއްޖެ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ދުނިޔޭގައި ވެސް އެންމެ އަގު ބޮޑު ބްރޭންޑެވެ. ބައެއް މީހުންނަށް ރާއްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގެ އެވެ. ރީތި ކަމާއި ހިތްފަސޭހަ ކަމުގައި ރާއްޖެ އަކީ އެފަދަ ދެވަނަ އެއް ނެތް ގައުމެކެވެ. ސުލްހައާއި ހަމަޖެހުމުގެ މަންޒިލެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ އަހަރު 50 އަހަރު ފުރޭނެ އެވެ. ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރަން ދިވެހިން ނިކުމެ ތިބީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑާ އެކު އެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް މިވަގުތު އޮތީ ދިވެހިންގެ އަތުގަ އެެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި "އޮސްކާ" އެވޯޑްގެ ގޮތުގައި ސިފަކުރާ، މުޅި ދުނިޔޭގައި ވެސް އެންމެ ފަހުރުވެރި އެވޯޑެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ދިވެހިންނަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެ އިން ކާމިޔާބު ކުރީ ދުނިޔޭގެ 22 ގައުމަކާ ވާދަކޮށްގެންނެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ގްރީސް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެ އެވެ.

މި އެވޯޑް ދިވެހިރާއްޖެ ހޯދީ ކޮވިޑްގެ އެންމެ ދަތި އުދަނގޫ ދުވަސްވަރު ކަށިން ހިތްވަރު ނެގެންނެވެ. މިފަދަ އެވޯޑެއް ދިވެހިންނަށް ލިބޭނީ ހަމަ ޔަގީނުން ވެސް ދިވެހި ސަރުކާރުގައި ހަރުދަނާ ސިޔާސަތެއް އޮތުމުންނެވެ. އަގުބޮޑު ބްރޭންޑެއްގެ ގޮތުގައި ބޭރު ދުނިޔެ އަށް ވަރަށް ރަނގަޅަށް ރާއްޖެ އިޝްތިހާރު ކުރެވިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާ ދިވެހިންނަށް ލިބިފައި މިވަނީ ރައީސް ސޯލިހުގެ ހަރުދަނާ އަދި ހިކުމަތްތެރި ހާރިޖީ ސިޔާސަތު ވެސް މުހިއްމު ދައުރެއް އަދާކުރުމުންނެވެ.

ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރުން

ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަކީ ގިނަ ދިވެހިން އިންތިޒާރު ކުރާ މުބާރާތެވެ. ދިވެހިންނަށް ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑު މުބާރާތެކެެވެ. ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ އެކަކުން 13 އަށް ބާއްވާ މި މުބާރާތުގައި މިއަހަރު ފަސް ގައުމަކުން ވާދަކުރާނެ އެވެ.

ދިވެހިރާއްޖޭގެ ފުޓްބޯޅަ ޓީމު މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ނިކުންނާނީ ރާއްޖޭގެ ގަލޮޅު ދަނޑަށެވެ. މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުނީ ދިވެހި ސަރުކާރާއި އެފްއޭއެމް ގުޅިގެން ކުރި މަސައްކަތުންނެވެ. ދިވެހިރާއްޖެ އިން ބިޑް ހުށަހެޅީ ވެސް އެންމެ ފަހު ވަގުތުގަ އެވެ. ވާދަކުރީ ނޭޕާލް އެވެ. އެކަމަކު މުބާރާތް ހޯސްޓް ކުރުމަށް ފުރުސަތު ލިބުނީ ދިވެހިންނަށެވެ.

މިއީ އެހެން އެއްވެސް ގައުމެއްގެ ބައިވެރިވުމެއް ނެތި ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. މީގެކުރިން 2008 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ޓީމުން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ ރާއްޖެއާއި ސްރީލަންކާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތުގަ އެވެ. އެހެންކަމުން މިއަހަރުގެ މުބާރާތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވަރަށް މުހިއްމު މުބާރާތެކެވެ. އެހެން ގައުމަކާ ނުގުޅި ރާއްޖެ އަމިއްލަ އަށް ހޯސްޓް ކުރަން އިސް ނެގުމަކީ ވެސް ދިވެހި ސަރުކާރުގެ ލީޑަޝިޕް ދައްކުވައިދޭ ކަމެކެވެ. މުބާރާތުގައި ރާއްޖެއަށް ކާމިޔާބު ލިބިއްޖެނަމަ އެ ކާމިޔާބީ ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ކުޅިވަރުގެ ބައިނަލްއަގްވާމީ މައިދާނުގައި ލިބޭ ހާއްސަ ޝަރަފަކަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަކީ މިހާރު ދިވެހި އެތުލީޓުންނަށް ވަރަށް މުހިއްމު މުބާރާތެކެވެ. މޮރިޝަސްގައި 2019 ވަނަ އަހަރު އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ރާއްޖެ އިން ވަނީ ކަނޑައެޅި އަމާޒަށް ވާސިލްވެފަ އެވެ. އެއީ އެ މުބާރާތުން ޖުމްލަ 15 މެޑަލް ހޯދުމެވެ. ރާއްޖެ އިން އެ އަމާޒަށް ވާސިލްވި އެވެ. އައިއޯއައިޖީގައި ދިވެހިންނަށް އޭގެ ކުރިން ދުވަހަކު ވެސް އެ އަދަދަށް މެޑަލް ލިބިފައެއް ނުވެ އެވެ. އެހެންކަމުން ރައީސް ސޯލިހުގެ ޒައާމަތުގައި އެއީ ދިވެހިންނަށް ހޯދައިދިން ރީތި ނަމަކާއި ޝަރަފެކެވެ. އެއީ ބައިނަލްއަގްވާމީ ކުޅިވަރުގައި ރާއްޖޭގެ ވިދުން ގަދަވި މުބާރާތެކެވެ.

މީގެއިތުރުން 2023 ވަނަ އަހަރު އައިއޯއައިޖީ ބާއްވަން ރާއްޖެ އިން ބިޑް ކޮށް އެ ބިޑް ކާމިޔާބު ވެސް ކުރި އެވެ. އެކަމަކު ކޮވިޑް 19ގެ ސަބަބުން ރާއްޖެއާއި މުޅި ދުނިޔޭގެ އިގްތިސޯދަށް ވެސް ލިބުނު ބޮޑު ގެއްލުމާ ގުޅިގެން ރާއްޖެ އިން ވަނީ އެ މުބާރާތް މިވަގުތަށް ދޫކޮށްލާފަ އެވެ. އެހެންނަމަވެސް އެ މުބާރާތް ހޯސްޓްކުރުމަށް ދިވެހި ސަރުކާރުން އަދިވެސް ބިޑް ކުރާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އައިއޯއައިޖީ ކަހަލަ ބޮޑު މުބާރާތެއް ބާއްވަން ރާއްޖެ އަށް ފުރުސަތު ލިބުމަކީ ބޮޑު ކާމިޔާބެކެވެ. އެއީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހިން ހޯދި މަތީ ފެންވަރުގެ ޝަރަފެކެވެ.

ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ރާއްޖޭގައި

ރާއްޖެ ހިމެނޭ ސާކް ސަރަހައްދަކީ އާބާދީގެ ގޮތުން އެންމެ ބޮޑު އެއް ސަރަހައްދެވެ. އެއް ބިލިއަނަށް ވުރެ ގިނަ މީހުން ހިމެނޭ ސާކް ސަރަހައްދުގައި ރާއްޖެ ކަހަލަ ކުޑަ އާބާދީ އަކަށް ކާމިޔާބެއް ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި ސަރަހައްދުގެ ބޮޑެތި ގައުމުތައް ދިވެއްސަކަށް ބަލިކޮށްލެވޭނީ ވަރުގަދަ ގޭމް ޕްލޭނެއް އޮވެގެންނެވެ. ހަރުދަނާ ސިޔާސަތެއް އޮވެގެންނެވެ. ހިތްވަރާއި އަޒުމާއި ޖޯޝް ހުރެގެންނެވެ.

ދިވެހިންގެ ފަހުރުވެރި ސޯލްޖަރު ހަސަން ސާއިދު އެ ހިތްވަރާއި ފަންވަރު މުޅި ދުނިޔެއަށް ދައްކައިދިނެވެ. ސާއިދަކީ މިވަގުތު ދެކުނު އޭޝިއާގައި ހިމެނޭ އެއް ބިލިއަން މީހުންގެ ތެރެއިން އެންމެ ބާރު ދުވުންތެރިޔާ އެވެ.

ސާއިދު ރަން މެޑަލް ހޯދީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 2019 އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުގެ ދުވުމުންނެވެ. މިއީ ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހުގައި އިންޑިވިޖުއަލް ކުޅިވަރަކުން ރާއްޖެ އަށް ލިބުނު ހަމައެކަނި ރަން މެޑަލް އެވެ. ފައިނަލް އިވެންޓް ސާއިދު ނިންމީ 10.49 ސިކުންތުންނެވެ.

ސާއިދުގެ ބާރު ދުވެލިން އަންގައިދެނީ ދިވެހި ސަރުކާރުގެ ދުވެލި ބާރު ކަމެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ހަރުފަތަކަށް ފަހު ހަރުފަތަކުން މައްޗަށް އަރަމުން ގޮސް މިއަދު ކުޑަކުޑަ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ރައީސް އެވެ. އދ. 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑީގައި އެ އިންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އެމަނިކުފާނު ދަތުރުކުރައްވާ އަދި ވަޑައިގަންނަވާ ކޮންމެ ތަނަކު ދެން ވިހުރުވޭނީ ދިވެހި ދިދަ އެވެ. ގުގުމަމުން ދާނީ ދިވެހިންގެ ފަހުރުވެރި އަޑެވެ.