އާދަމް ޝަރީފު އުމަރު

ރައީސް ސޯލިހުގެ މައްސަލަ އެޖެންޑާ ނުކުރި

Sep 21, 2021
2

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބުނު ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެ މައްސަލަ ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ އިދާރާއިން ބަލައިގެންފައި ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި މައްސަލަ ހުށަހެޅުއްވުމަށް މަސައްކަތް ކުރެއްވީ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ކުއްލި މައްްސަލަ މަޖިލީހުގެ އިދާރާ އަށް ފޮނުއްވުމުން މައްސަލަ ބަލައިނުގެންނެވި ވަކި ސަބަބެއް އަންގާފައި ނުވާ ކަމަށެވެ.

މައްސަލާގައި ބުނެފައިވަނީ މިހާރުގެ ރައީސް ސޯލިހް، އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ދިރިއުޅުއްވި ރެހެންދި ފްލެޓަށް ވަޑައިގެން 35 މިލިއަނަށް ވުރެ ގިނަ ފައިސާ ގެންދެވި ކަމަށާއި އެކަން ސާބިތުވާނެ ސީސީޓީވީ ފްޓޭޖު ހުންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އަދީބްގެ ގާތް އެކުވެރިއެއް ކަމަށް މުހައްމަދު ހުސައިން (އޮއިއްޓޭ) ދިން ބަޔާނުގައި ރައީސް ސޯލިހް، އަދީބް އަތުން ފައިސާ ގެންދެވި ކަމަށް ބުނާ ބައިތަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ބަދަލުކޮށް، ރައީސް ސޯލިހުގެ ނަން ތަހުގީގު ބަޔާނުން އުނިކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެހެންވެ ކުއްލި މައްސަލާގައި އެދިފައިވަނީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުން ރައީސް ސޯލިހް އެކަހެރިވެވަޑައިގަތުމަށެވެ. އަދި ފުލުުހުންނާއި އޭސީސީން އިންސާފުވެރި، ހަފުށް ފެންނަ ގޮތަކަށް މައްސަލަ ތަހުގީގުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ކުރާ ތުހުމަތުތައް ރައީސް ސޯލިހް ވަނީ މީގެކުުރިން ތަކުރާރުކޮށް ދޮގުކުރައްވާފަ އެވެ. ކޮރަޕްޝަންގެ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި އެމަނިކުފާނު "ކޮމްޕްރޮމައިޒް" ކުރެވޭ ވަރުގެ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތުގައި ނުހުންނާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.