އާދަމް ޝަރީފު އުމަރު

ރައީސީގެ ޖަނާޒާއަށް މިނިސްޓަރު އާދަމް ޝަރީފް ފުރާވަޑައިގެންފި

އިރާންގެ ރައީސް ޑރ. އިބްރާހިމް ރައީސީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިރާނަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު އިރާނަށް ކުރައްވާ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރައްވާ ދަތުރުފުޅެކެވެ.

ރައީސީ އަވަހާރަވީ އަވަށްޓެރި އަޒަރުބައިޖާން އާއި އީރާންއާ ގުުޅޭ ސަރަހައްދުގައި ޑޭމެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އާދިއްތަ ދުވަހު ބައިވެރިވެވަޑައިގަތުމަށްފަހު ހެލިކޮޕްޓަރުގައި ވަޑައިގަންނަވަނިކޮށް މޫސުން ވަރަށް ބޮޑަށް ގޯސްވެ އެ އުޅަނދު ވެއްޓުމާ ގުޅިގެންނެވެ.

ރައީސީ އަވަހާރަވިކަން އިރާންގެ ސަރުކާރުން ކަށަވަރުކޮށްދިނީ އިއްޔެގެ ވަގުތެއްގައެވެ.

އިރާންގެ އިންތިގާލީ ރައީސްގެ މަގާމާ އެ ގައުމުގެ ނައިބް ރައީސް މުހައްމަދު މޮޚްބެރް އިއްޔެ ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

އިރާންގެ ގާނޫނުއަސާސީގައިވާ ގޮތުން އެ ގައުމުގެ ރައީސް އަވަހާރަވެއްޖެނަމަ 50 ދުވަހުގެ ތެރޭގައި އަލުން އިންތިހާބެއް ބާއްވައިގެން އާ ރައީސަކު ހޮވަންޖެހެ އެވެ. އަދި މި އިންތިހާބު ކުރިއަށް އޮތް ޖޫން 28 ވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ.