އެޗްޑީސީ

ހުޅުމާލޭގެ ދަނޑުވެރިކަމުގެ މަޝްރޫއު އިފްތިތާހުކޮށްފި

Sep 21, 2021

ހުޅުމާލޭގައި ދަނޑުވެރިކަން ކުރުމަށް ބިން ލިބުނު މީހުންނަށް ބިންތައް ހަވާލުކޮށް އެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ޖަޕާންގެ ހިލޭ އެހީގެ ދަށުން ޔޫއެންޑީޕީއާއި އެޗްޑީސީ ގުޅިގެން "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއުގެ ނަމުގައި ކުރިއަށް ގެންދާ މިމަޝްރޫއު އިއްޔެ އިފްތިތާހު ކޮށްދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ޖަޕާން ސަފީރާއި ބައެއް ވަޒީރުންނާއި ހުޅުމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެޗްޑީސީން ބުނީ މިފަދަ މަޝްރޫއެއް ފެށުމުގެ ބޭނުމަކީ ދަނޑުވެރިކަމުގެ ދާއިރާ އަށް މީހުން އަހުލުވެރިކޮށް އެ ދާއިރާ އަށް ބޭނުންވާ ވީހާވެސް ގިނަ މީހުން ބިނާކުރުމާއި އެކު ބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ވެސް ފަހިކޮށްދިނުން ކަމަށެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހުޅުމާލޭގެ އެއް ސަރަހައްދަކުން 16 ބިން ހާއްސަކޮށްފައިވާއިރު އެ ބިންތަކަށް ފުރަތަމަ ތިން މަހު އެއްވެސް ކުއްޔެއް ނުނެގުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

މިމަޝްރޫއު ފެށުމުގެ ކުރިން ބިން ލިބުނު މީހުންނަށް އެގްރިކަލްޗާ މިނިސްޓްރީއާއި އެގްރޯ ނެޓުން ވަނީ ދަނޑުވެރިކަމުގެ ހާއްސަ ތަމްރީން ތަކެއް ވެސް ދީފަ އެވެ.

އެޗްޑީސީން އިތުރަށް ބުނީ މިމަޝްރޫއުގެ ތަޖުރިބާއާއި ފައިދާ އަށް ބެލުމަށްފަހު ދަނޑުވެރިކަމަށް އަދި އިތުރު ބިންތަކެއް ދޫކުރުމަށް ވިސްނަމުންދާ ކަމަށެވެ. އަދި މިފަދަ ބިންތަކުގައި ހައްދާ ބާވަތްތައް ވިއްކުމަށް އެކަމަށް ހާއްސަ ތަނެއް ހެދުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.