ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، ޕޯޗުގަލްގެ ރައީސާ ބައްދަލު ކުރައްވައިފި

Sep 21, 2021

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ޕޯޗުގަލްގެ ރައީސް، މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލު ކުރައްވައިފި އެވެ.

ޕޯޗުގަލްގެ ރައީސާއި، ރައީސް ސޯލިހު ބައްދަލުކުރައްވާފައި ވަނީ އދ. ގެ މައި އިދާރާގަ އެވެ.

މި ބައްދަލުވުމުގައި ދެ ރައީސުން ވަނީ އިގްތިސޯދީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރައްވާފަ އެވެ.

އޭގެ ތެރެއިން ޑިޖިޓަލައިޒޭޝަންގެ ދާއިރާއަށް އިޝާރާތްކުރައްވަމުން މާސެލޯ ވަނީ މިއަހަރު "ވެބް ސަމިޓް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޮލޮޖީ ކޮންފަރެންސްގައި ރާއްޖެއިން ޝައުވެރިވާނަމަ ބައިވެރިވުން މުހިންމު ކޮންފަރެންސެއްކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދޭތެރޭގައި ޓޫރިޒަމް ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ޕޯޗުގަލްއާއި ޔޫރަޕްގެ އިއްތިހާދަށް ވެސް ފައިދާވާނެ އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކުރެއްވުމާ ބެހޭ ގޮތުންނާއި، ނޫ އިގްތިސޯދު ފަދަ، ދެ ގައުމުން ޝައުވެރިކަން ބޮޑު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އާންމު މަޖިލީހުގައި ރައީސް ސޯލިހް މިރޭ ތަގުރީރުކުރައްވާނެ އެވެ.