ބާސެލޯނާ

ބާސެލޯނާ، ޓިކި-ޓަކަ އިން ބޮޑުބޯޅައަށް

ސްޕެއިންގެ ބާސެލޯނާއަކީ ކުދި ޕާސްތައް ޖަހައިގެން ކުޅޭ އެމީހުންގެ "ޓިކި-ޓަކަ" ގޭމަށް ފުޓްބޯޅައިގެ ދުނިޔޭގައި މަޝްހޫރުކަން ހޯދަފައިވާ ކްލަބެކެވެ. ބާސާއޭ ބުނުމުން ކޮންމެ މީހެއްގެ ވިސްނުމަށް ވެސް ފުރަތަމަ އަންނާނީ އެޓީމު ކުޅެމުން އައި ކުދި ޕާސްތަކުގެ ހިތްގައިމު ނަލަ ގޭމެވެ.

އެކަމަކު މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ. ބާސާއިން ކުޅެމުން އައި ހިތަގއިމު ފުޓްބޯޅަ މިހާރު އެޓީމުގެ ފަރާތުން ނުފެނެ އެވެ. ފެންނަނީ ދެފަޅިން ދިގު ހުރަސްތަކެއް ނަގައިގެން ގޯލު ޖެހުމަށް މަސައްކަތް ކުރާ މަންޒަރެވެ. އެންމެ އިހު ޒަމާނުގައި ކުޅުނު "ބޮޑު ބޯޅަ" ޖަހައިގެން ކުޅޭ ފުޓްބޯޅަ އެވެ.

ލަލީގާގައި އެންމެ ފަހުން ބާސެލޯނާ ގްރަނާޑާ އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ބަލި ނުވެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ބަޔާން މިއުނިކް އަތުން ބާސެލޯނާ ވަނީ ހިތި ގޮތަކަށް ބަލިވެފަ އެވެ. ލަލީގާ ތާވަލުގެ ހަތް ވަނައިގައި ބާސެލޯނާ އޮތްއިރު މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުމާއި އެޓީމު ޖެހެނީ ދުވަހެއް ދުވަހަކަށް ދުރަށެވެ. މުބާރާތުގެ ކާމިޔާބީ އާއި ދުރަށް ޖެހުމަށްވުރެ ވެސް އެމީހުންގެ ރީތި ކުޅުން ގެއްލުން މިއީ މިހާރު ބާސާ ސަޕޯޓަރުންގެ އިތުރުން މުޅި ފުޓްބޯޅަ ދުނިޔެ ވެސް ކަންބޮޑުވާ ކަމެކެވެ.

ބާސެލޯނާގައި ޔޯހަން ކްރައިފް ވައްޓަފާޅިން ބާސެލޯނާ ނެއްޓުމުގެ ސިގްނަލްތައް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ލުއިސް އެންރީކޭގެ ދައުރުގަ އެވެ. އޭގެ ފަހުން އާނެސްޓޯ ވަލްވާޑޭގެ ކޯޗު ކަމުގެ ދަށުގައި ބާސާއިން ކުޅުނީ 4-4-2 ފޯމޭޝަނަށް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. މިހާރު މިއޮތީ ރޮނާލްޑް ކޫމަންގެ މެނޭޖުމެންޓެވެ.

މިހާރު ބާސެލޯނާއިން ފެންނަނީ ތިން ޑިފެންޑަރުން ލައިގެން ކުޅޭ މަންޒަރެވެ. އަދި މިފަހުން ކުޅުން މެޗު ތަކުގައި، ވަކިން ހާއްސަކޮށް ބަޔާނާއި ގްރަނާޑާ އާއި ބައްދަލުކުރި މެޗުގައި ބާސާއިން ކުޅުނީ ދިގު ބޯޅަތަކެކެވެ. އަދި އަރިމަތިން ނަގާ މި ހުރަސް ތަކަށް ފޯވާޑުން ފަދައިން ޑިފެންޑަރުން ކުރިއަށް އަރައި ބޮލުން ޖަހަން މަސައްކަތް ކުރެ އެވެ. މިއީ ކޮންމެހެން މޮޅުވަން ކުޅޭ ފަހު 10 ވަރަކަށް މިނެޓުގައި މިހާރު ބާސާއިން ކުރާ ކަމެއް ނޫނެވެ. މުޅި މެޗު ފެނިގެންދަނީ މި ކުޅުމުގަ އެވެ.

ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ ބާސާއިން މިފަހަރުގެ މުބާރާތް ފަށާފައި ވަނީ އެހާ ރަނގަޅަކަށް ނޫނެވެ. ސީޒަން ފަށައިގެން މިހާ ހިސާބަށް އައި އިރު އަނިޔާގެ ސަބަބުން އަންސޫ ފަޓީ، އޮސްމާން ޑެމްބެލޭގެ އިތުރުން ސާޖިއޯ އަގުއެރޯ ވެސް ހުރީ ކުޅުމާއި ދުރުގަ އެވެ.

ގްރަނާޑާ އާއެކު ކުޅުނު މެޗަށް ފަހު ބާސެލޯނާގެ ކުޅުމުގެ ވައްޓަފާޅި އާއި މެދު ވާހަކަ ދައްކަމުން ކޯޗު ކޫމަން ބުނީ ބާސެލޯނާގެ ޓީމު މިހާރު މިއޮތީ މީގެ އަށް އަހަރު ކުރިން އޮތް ގޮތާއި ވަރަށް ބޮޑަށް ތަފާތުކޮށް ކަމަށެވެ. އަދި ކޮޓީނިއޯފަދަ ކުޅުންތެރިންގެ ސްޕީޑު މަޑުވުމުން ޓީމުގެ ކުޅުން އެންމެ ރަނގަޅު ގޮތުގައި ނުދެއްކުނު ނަމަވެސް ބާސެލޯނާ ކުޅެމުން އަންނަނީ އެޓީމުގެ ވައްޓަފާޅިއަށް ކަމަށެވެ. އަދި ފަޓީ އާއި ޑެމްބެލޭ ނެތުމުން އެ ހީނަރުކަން ވަރަށް ބޮދަށް ޓީމުން ފެންނަކަން ފާހަގަ ކުރަމުން ކޫމަން ބުނީ ރަނގަޅު ބަދަލު ތަކެއް ޓީމަށް ހޯދުން މުހިންމު ކަމަށެވެ.

ބާސެލޯނާއިން ގްރަނާޑާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އިދިކޮޅު އޭރިއާ ތެރެއަށް 54 ހުރަސް ނަގާފައިވެ އެވެ. މި ހުރަސްތަކުގެ ބޭނުން ހިފުމަށް ޕީކޭ، ޑިޔޯންގް އަދި އަރައުހޯ ވަނީ ކުރިއަށް އަރާފަ އެވެ. މިއީ ބާސެލޯނާއިން މީގެ ކުރިން ކުޅެމުން އައި ވައްޓަފާޅިއެއް ނޫނެވެ. ހަމަ ޔަގީނުން ވެސް ބާސާގެ ކުރީގެ ހިތްގައިމު ގޭމު ގެއްލި ހިނގައްޖެ އެވެ.