ސިޔާސީ ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އަކީ އިލެކްޝަންސް ކޮމިޝަނުން އެންޑޯޒްކޮށްފައިވާ ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުން މިހެން ބުނެފައި މިވަނީ މިމަހުގެ 25 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެ ޕާޓީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓާ ގުޅިގެން ކޮމިޝަނަށް ބައެއް ކަހަލަ ޝަކުވާތައް ލިބެމުން ދިއުމާ ގުޅިގެންނެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބު ތަކުގައި ބޭނުންކުރާ ވޯޓާސް ލިސްޓާ ގުޅިގެން ޝަކުވާ ލިބެމުން ދިޔަ ނަމަވެސް އެކަމުގައި އިލެކްޝަންސް ކޮމިޝަނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބުތަކަށް ވަނުމާއި އެފަދަ އިންތިހާބު ތަކުގައި ބޭނުންކުރާ ވޯޓާސް ލިސްޓަށް ގޮތް ކިޔައި ހެދުމަކީ ކޮމިޝަނަށް އޮތް ބާރެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ކޮމިޝަނަށް އެބައާދޭ ޕާޓީ އަަށް ސޮއި ނުކުރަނީސް މިދަންނަވާ ލިސްޓްތަކުގައި އެބޭފުޅުންގެ ނަން އޮތް ކަމަށް ބުނެ. އަނެއްކާ ބައެއް ބޭފުޅުން އެބަ ޝަކުވާ ކުރައްވާ ކޮމިޝަންގައި އޮންނަ ލިސްޓެއް ނޫނޭ ޕާޓީގައި މިއޮންނަނީ. މިކަހަލަ ޝަކުވާތައް ގިނަވެގެން އަޅުގަނޑުމެން މިއަދު ޓްވީޓު ވެސް މިކުރީ ސިޔާސީ ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބުގައި ބޭނުންކުރާ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އަކީ އިލެކްޝަންސް ކޮމިޝަނުން އެންޑޯޒްކޮށްފައިވާ ލިސްޓެއް ނޫނޭ ކިޔާފައި،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންޑޯޒް ކުރާ ވޯޓާސް ލިސްޓުގެ ބަދަލުގައި ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބު ތަކުގައި ހުރިހާ ޕާޓީ އަކުން ވެސް ބޭނުންކުރަނީ އެ ޕާޓީ އަކުން އަމިއްލަ އަށް ބަލަހައްޓާ ވޯޓާސް ލިސްޓެކެވެ. އެކަމުގެ ސަބަބުން ޕްރައިމަރީ ތަކުގައި ވަކި ބަޔަކަށް ކާމިޔާބު ހޯދަން ފަސޭހަވެ، ޕާޓީ ތަކުގެ އެތެރޭގައި ބޮޑެތި މައްސަލަތައް ހިންގަމުންދެ އެވެ.
އެމައްސަލަ ހައްލުކުރުމަށް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވޭތޯ ސުވާލުކުރުމުން ފުއާދު ވިދާޅުވީ ޕާޓީ ތަކަށް އެ ފުރުސަތު ދީފައި އޮތީ އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީ ތަކާއި އެކު މީގެކުރިން ބޭއްވި ބައްދަލުވުމެއްގައި ޕާޓީ ތަކުން އެގޮތަށް އެދިގެން ކަމަށެވެ. ޕާޓީ ތަކުގެ އެތެރޭގެ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ބަސް ބުނެ ފާޑުކިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ފުއާދު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު އެ ޕާޓީގެ ބައެއް އާންމު މެންބަރުން ވޯޓާސް ލިސްޓުގައި ނެތް ކަމަށް ބައެއް މެންބަރުން ގެންދަނީ ބުނަމުންނެވެ. އަދި ވާދަވެރި ޕާޓީ ތަކުގެ ދަފްތަރުގައި ތިބި ބައެއް މެންބަރުން އެމްޑީޕީގެ ވޯޓާސް ލިސްޓްގައި ހިމެނިފައިވާތީ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެވޭނެ މީހުންގެ ދާއިމީ ލިސްޓު އެ ޕާޓީން އާންމުކޮށްފައިވަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި ހުށަހެޅުނު ޝަކުވާތައް އިސްލާހުކުރުމަށްފަހު ކަމަށް އެމްޑީޕީން ބުނެ އެވެ.