ރައީސް މުހައްމަދު ނަޝީދު

މަޖިލިސް ރައީސްގެ ހަމަލާއެއް އަނެއްކާވެސް އިސްމާއީލަށް!

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގެންނަން އެމްޑީޕީން ވަކާލާތު ކުރި ބަދަލުތައް ގެނައުން އަވަސް ކުރަން ޖެހޭ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްލާމީލް އަހުމަދު ވިދާޅުވުމުން އޭނާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހޫނު ރައްދެއް ދެއްވައިފި އެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕްގައި އިސްމާއީލް ވަނީ ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ޖޭއެސްސީއަށް ގެންނަން އެމްޑީޕީން ވަކާލާތު ކުރި ބަދަލުތައް ގެނައުން އަވަސް ކުރަން ގޮވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ މެސެޖް ކުރެއްވިއްތާ ދެ މިނެޓްތެރޭ ނަޝީދު ވަނީ އިސްމާއީލަށް ޖަވާބު ދެއްވާފައެވެ. ވިދާޅުވީ ޖޭއެސްސީ ބަދަލުކުރަން ޖެހޭ ކަމަށާ އެތާންގައި އެމަނިކުފާނު އިންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

"އާދެ، ޖޭއެސްސީ ބަދަލުކުރަން ޖެހޭނެ. އެތާންގައި އަޅުގަނޑު އިންނާކަށް ނުޖެހޭނެ،"

އަދި ވިދާޅުވީ އެ އިސްލާހު މާދަމާވެސް މަޖިލީހަށް ހުށައަޅުއްވަންވީ ކަމަށެވެ.

"އެކަމު އެ އިސްލާހުގައި ލިޔާނެ އެއްޗެއް މެނިފެސްޓޯގައި ނެތް. ބުނީ އެކުލެވޭ ގޮތް ބަަދަލު ކުރަން،" ނަޝީދު ވިދާޅުވިއެވެ.

އިސްލާހު މާދަމާވެސް މަޖިލީހަށް ހުށައަޅުއްވަންވީ ކަމަށް ނަޝީދު ވިދާޅުވުމުން އިސްމާއީލް ވަނީ ރަނގަޅު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެން އެމަނިކުފާނު ވަނީ އިސްމާއީލަށް ވަރަށް ހޫނުކޮށް ރައްދު ދެއްވާފައެވެ.

"އިސްމައީލް ހީކުރީ މަ މީ ކާކު ކަމަށް. އަމިއްލަ ނާޅިް އެހެން މީހުން ނުމިނާތި. އިސްމާއީލް މަށާ ވާހަކަ ނުދައްކާ،"

ނަޝީދުގެ އެ މެސެޖަށް ފަހު ދެން ގުރޫޕަށް މެސެޖެއް ކުރެއްވީ އެމަނިކުފާނުގެ ވަރަށް އެކުވެރި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ. އޭނާގެ މެސެޖްގައި ވިދާޅުވީ ގަައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި ވާހަކަ ދެއްކެވުމަށް ވުރެ މަޖިލީސް ފްލޯގައި ޑިފެންޑް ކުރަން މާ ރަނގަޅުވާނެ ކަަމަށެވެ.

ނަޝީދުގެ އެ މެސެޖާއި ގުޅިގެން އިސްމާއީލް ވަނީ އޭނާ ދެން ވާހަކަ ނުދައްކަވާނެ ކަމަށާ ފާޅު ކުރެއްވީ އަމިއްލަ ހިޔާލެއް ކަަމަށް ވިދާޅުވެފައެވެ.

"އާދެ، އަޅުގަނޑު މި ހުއްޓާލީ. އަޅުގަނޑު، އަޅުގަނޑުގެ ހިޔާލެއް ހާމަކޮށްލީ. އެއްގޮތަކަށްވެސް ރައީސް އަށް ވާހަަކަ ދައްކަން ފާހަގަކުރި ނުކުތާއެއް ނޫން،" އިސްމާއީލް ވިދާޅުވިއެވެ.

އެެހެން ކަމުން ޖޭއެސްސީ ބަދަލު ކުރަން ޖެހޭ ކަމަށާ ޖޭއެސްސީގައި އެމަނިކުފާނު އިންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ކުރީން ޖެއްސެވި މެސެޖްތަކަކީ އިސްމާއީލަށް ރައްދު ދެއްވުމުން ގޮތުން ޖެއްސެވި މެސެޖްތަކެއް ކަމަށް ބެލެވެއެވެ.

ނަޝީދުގެ ބަހުގެ ހަމަލާތަކެއް ކުރީންވެސް އިސްމާއީލަށް އަމާޒުވިއެވެ. އެމްޑީޕީގެ "ރަށްވެހި ފަތިސް ލަންކާ ގުރޫޕްގައި މެއި 28، 2020 ގައި ނަޝީދު ވަނީ "އިސްމާއީލް، ދެން ވަރަށް ބައްލަވައިގެން އަޅުގަނޑާ ދިމާއަށް ނުކުންނަވާތި!" މިހެން ލިޔުއްވާ ހޫނު ރައްދެއް ދެއްވާފައެވެ.

އެ ފަހަރު ރައީސް ނަޝީދުގެ ސިޔާސީ ހަމަލާ އިސްމާއީލަށް އަމާޒު ކުރެއްވީ މަޖިލީހުގެ ޖަލްސާގައި މިހާރު އޮތް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަހުސްގެ ތެރެއިން އިސްމާއީލް ދެއްކެވި ވާހަފުޅާ ގުޅުވައިގެނެވެ. އޭނާގެ ވާހަކަފުޅުގައި ރައީސް ނަޝީދަށް އަމާޒުވާ ގޮތަށް ފާޑު ވިދާޅުވެފައި ވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާފައި އޮތް ގޮތަށް ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިހާރު ވަނީ ދީފައެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.

މި މަހުގެ ފުރަތަމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ފެށުން ލަސްވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"ދެން މުއްދަތެއް އަޅުގަނޑަށް މިހެން ހުރެފައި ބުނާކަށް ނޭނގޭ. އެކަމަކު އެއީ ހަމަގައިމުވެސް މިދައުރުގެ ތެރޭގައި ކޮށް ނިންމާނެ ކަމެއް. ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ގެންނަން ޖެހޭ ބަދަލު ގެންނާނެ،" މަބްރޫކް ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށެވެ. އެ ބަދަލު ގެނައުމަށް ގާނޫނީ ދާއިރާގެ ފަންނުވެރިންގެ ލަފާ ރައީސް ސޯލިހު ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ. ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަކީ ބޮޑު ކަމެއް ކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާނަމަ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.