ލައިފްސްޓައިލް

ކައިވެނީގެ ކުރިން އަންހެން ކުދިންގެ ބޯ ބާލަން ޖެހޭ ގަބީލާއެއް

ކައިވެންޏަކީ ކޮންމެ އެ ކައިވެންޏެއް ކުރާ ދެ މީހުންގެ ހަޔާތުގައި ކުރާނެ އެންމެ މުހިއްމު އެއް ކަމެވެ. ދެ މީހުން ކައިވެނިކުރަނީ އެކަކު އަނެކަކާ ދުވަހަކުވެސް ވަކިނުވާން ކުރާ ވައުދާ އެކުގަ އެވެ. ކައިވެނީގެ ގުޅުމާ މެދު ދުނިޔޭގެ އެންމެން ވެސް ދެކެނީ އެއް ނަޒަރަކުން ނަމަވެސް ކައިވެނީގެ ރަސްމިއްޔާތުތައް އެކި ގައުމުތަކުގަ އާއި އެކި ގަބީލާ ތަކުގައި އޮންނަނީ ތަފާތު ކޮށެވެ.

އެ ގައުމެއްގެ ސަގާފަތާއި އެ ބައެއްގެ ދީނާ ގުޅޭ ގޮތަށެވެ. މިގޮތުން ތަފާތު ކަންތައްތައް އެކި ހިސާބުތަކުގެ މީހުން ކައިވެނީގެ ރަސްމިއްޔާތުގެ ގޮތުގައި ކުރެ އެވެ. ނަމަވެސް ކައިވެނީގެ ކުރިން އަންހެންކުއްޖާގެ ބޯ ބާލަން ޖެހޭ ރަސްމިއްޔާތެއް އޮންނަ ގައުމެއް ނުވަތަ ގަބީލާއެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

ސައުތު އެފްރިކާގެ ސޯމާލިއާ އާއި އިތިއޯޕިއާގެ މެދުގައި އޮންނަ ބޮރާނާ ގަބީލާއެއްގެ އަންހެން ކުދިންނަށް ކައިވެނީގެ ކުރިން ބޯބާލަން ޖެހެ އެވެ. ގާތްގަނޑަކަށް 500،000 މީހުންގެ އާބާދީއެއް އޮންނަ މި ގަބީލާގައި އޮންނަނީ ފިރިހެނުންގެ ބާރެވެ. މުޅި އަވަށާއި އެ އަވަށުގައި ދިރިއުޅޭ އެންމެން އަދި ޖަނަވާރުންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ފިރިހެނުންނެވެ.

މި ގަބީލާގެ އަންހެނުންގެ މަސައްކަތަކަށް އޮންނަނީ ގޭތެރެ ޒީނަތްތެރި ކުރުމާއި އެމީހުންނާ ހަވާލުކުރެވޭ ހުރިހާ ސަގާފީ ކަންކަމެއް ކުރުމެވެ.
މި ގަބީލާގެ އަންހެން ކުދިންނަށް އެމީހުންގެ އިސްތަށިގަނޑު ދިގު ކުރެވޭނީ ކައިވެނި ކުރުމާ ހަމައަށެވެ. ކައިވެނީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ކުދިންނަށް އިސްތަށިގަނޑުގެ ބޮޑު ބައެއް ބާލާލަން ޖެހެ އެވެ. މިގޮތަށް ބޯ ބާލައިގެން ނޫނީ ރަނގަޅު ފިރިއެއް މި ކުދިންނަކަށް ނުލިބޭނެ ކަމަށް ވެއެވެ.

ފޮޓޯ ނެގުމަކީ ވެސް ވަރަށް ގޯސް ކަމެއްގެ ގޮތުގައި މި ގަބީލާގެ މީހުން ގަބޫލު ކުރެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ފޮޓޯ ނެގުމުން ހަށިގަނޑުން ލޭ މަދުވާނެ އެވެ.

އަންހެންވެރިން ބޯ ބާލަން ޖެހޭއިރު އަވަށުގައި ތިބޭ ހުރިހާ ފރިހެން ކުދިންނަށް އެމީހުންގެ އިސްތަށިގަނޑު ބޭނުންވަރަކަށް ދިގު ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެގޮތުން އެންމެ އިސްތަށިގަނޑު ދިގު ކުރެވޭ ފިރިހެންކުއްޖާއަކީ އެންމެ ނަސީބު ގަދަ ކުއްޖާގެ ގޮތުގައި އެމީހުން ބަލަ އެވެ.

މިހާރު މި ގަބީލާ ވެސް ދުނިޔެއަށް މަޑުމަޑުން ހޭލަން ފަށައި އަންހެން ކުދިން އެހެން ސިޓީތަކަށް ގޮސް ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ފުރުސަތު މަދުން ނަމަވެސް ދޭން ފަށައިފިކަމަށް ވެސް މި ރޕޯޓުގައި ބުނެފައި ވެއެވެ.