އިންޑިއާގެ ބިހާރުގެ ބައެއް މީހުންގެ އެކައުންޓަށް މިހާރަކަށް އައިސް އެތައް ކްރޯޑެއް އޮޅިގެން ޖަމާވަމުން އެބަދެ އެވެ. މިފަދަ އެންމެ ފަހުގެ ހާދިސާއެއް ހިނގީ މުޒައްފަރް ޑިސްޓްރިކްޓްގެ ސިންގާރީ އަވަށުގަ އެވެ.
އެ އަވަށުގެ ވަރަށް ދުވަސްވީ ދަނޑުވެރިއެއް ކަމަށްވާ ރާމް ބަހާދުރް ޝާހްގެ އެކައުންޓަށް ބޭންކަކަށް އޮޅިގެން 52 ކްރޯޑު ރުޕީސް ޖަމާ ކުރެވިފައިވެ އެވެ.
މިކަން ރާމް ބަހާދުރް އަށް އެނގުނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ޕެންޝަން ފައިސާކޮޅު ޖަމާ ވެއްޖެތޯ ބަލަން ބެންކަކަށް ދިއުމުންނެވެ.
ދުވަސްވީ މީހާގެ ބެންކް އެކައުންޓް ޗެކްކޮށްދިން ބެންކުގެ އޮފިޝަލް އަށް އެ އެކައުންޓްގައި އެހާ ގިނަ ފައިސާ ހުއްޓާ ފެނުމުން ލިބުނީ ޝޮކެކެވެ. އަދި މި ޚަބަރު ވަރަށް އަވަހަށް މުޅި އެ ސަރަހައްދަށް ފެތުރުނެވެ.
ރާމް ބަހާދުރު ބުނި ގޮތުގައި އެ އަވަށުގެ މީހުންނަކީ ވަރަށް ފަގީރު ބައެކެވެ. އެމީހުންނަށް ލިބޭ މަދު ފައިސާކޮޅު ލިބޭނީ ދަނޑުވެރިކަން ކޮށްގެންނެވެ. އެހެންވެ އޭނާ އެކައުންޓަށް އޮޅިގެން ވަދެފައިވާ ފައިސާއިން ކުޑަ އެތިކޮޅެއް އޭނާއަށް ދިނުމަށް ރާމް ބަހާދުރު ވަނީ ކަމާ ބެހޭ އިދާރާތަކުގައި އެދިފަ އެވެ.
ރާމް ބަހާދުރުގެ ދަރިފުޅު ސުޖީތު ޝާހް ބުނި ގޮތުގައި އޭނާގެ ބައްޕަގެ އެކައުންޓަށް އެހާ ގިނަ އަދަދެއްގެ ފައިސާ ޖަމާ ވުމާ ގުޅިގެން އެމީހުންނަށް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެއްޖެ ކަމަށެވެ. އެމީހުންނަކީ ދަނޑުވެރިންނަށް ވެފައި އެ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސުޖީތު ވެސް ކަމާ ބެހޭ އިދާރާތަކުގައި އެދުނެވެ.
ސުޖީތު ބުނީ އޭނާގެ ބައްޕަގެ ބޭންކް އެކައުންޓަށް އެ ފައިސާ ވަނީ އެމީހުންގެ ކުށަކުން ނޫން ކަމަށާއި ބެންކުގެ ކުށުން ކަމަށެވެ. އެހެންވެ ކޮންމެވެސް މިންވަރެއް އެމީހުންނަށް އޭގެން ދޭން ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ ސަރަހައްދުގެ ޕޮލިހުން ބުނެފައިވަނީ އެފަދަ މައްސަލައެއް އުޅޭކަން އެނގިގެން އެކަން ތަހުގީގުކުރަމުންދާ ކަމަށެވެ.
މިއީ ބިހާރުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. ގްރޭޑް 6ގައި ކިޔަވާ ދެ ކުއްޖެއްގެ އެކައުންޓަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު އެތައް ކްރޯޑެއްގެ ރުޕީސް ޖަމާވެފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން ބޭންކުން ބުނަނީ އެއީ ޓެކްނިކަލް އެރާ އެއް ކަމަށެވެ.
މިގޮތަށް 5.5 ލައްކަ ރުޕީސް ޖަމާވި މީހަކު މީގެކުރިން އެ ފައިސާ ނަގައިގެން އެކި ބޭނުންތައް ކޮށްފައިވެ އެވެ. އަދި އެ ފައިސާ އަނބުރާ ދޭން ބެންކުން އެދުމުން އެމީހާ ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އެ މީހާ ބުނީ އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާއަށް ދެއްވާފައިވާ އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.