ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާސަންދަ

އާސަންދައިގެ އުސޫލުތަކަށް ބަދަލުތަކެއް

އާސަންދަ ކުންފުނިން ހިދުމަތް ދޭ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން އެ ކުންފުނިން ނިންމައިފި އެވެ.

އާސަންދައިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑާއި ގުޅިގެން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދުމުގައި އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކުންފުނިން ދީފައިވާ ލުއިތަކަށް ބަދަލުގެންނަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑާއި ގުޅިގެން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އޮކްޓޫބަރު އެކަކުން ފެށިގެން އެފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށާއި ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާ ވެސް ޑޮކްޓަރު އާ ބޭސް ސިޓީއެއް ލިޔެ ދެއްވެމުން ކަމަށެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު ޖެނުއަރީ އެކަކުން އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ހިދުމަތް ދެމުން ގެންދިޔަ އުސޫލަށް ވެސް ބަދަލުގެންނަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން ނޮވެމްބަރު އެކަކުން ފެށިގެން ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެން ކަމަށް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސްގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ހިދުމަތްދޭ ކަމަށެވެ. ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ހިދުމަތް ދިނުން ކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް ވެސް ބަޔާނުގައިވެ އެވެ.